ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ ސްރީލަންކާގެ މި މަސްބޯޓު ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާއަށް އިއްޔެ 13:12 ހާއިރު ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި މަޢުލޫމާތު ލިބުމާއެކު ޤައުމީ ދިފާޢީބާރުގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އެސަރަހައްދަށް ދިޔަކަމަށެވެ. ސްރީލަންކާގެ މި މަސްބޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށާއި މި ބޯޓް ބަލައި ފާސްކުރިއިރު، މި ބޯޓުގައި ސްރީލަންކާގެ 6 މަސްވެރިން ތިބިކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރޭ 23:40 ގައި ޏ.ފުވައްމުލަކަށް ގެންގޮސް، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ވަނީ ހަވާލުކޮށްފައެވެ.