އިންޑިޔާ ކަނޑުގެ ޖަޒީރާ ރަށްތަކެއް ކަމަށްވާ މަޑަގަސްކަރައިގައި މިމަހުގެ 19 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް އިންތިޚާބު ކާމިޔާބު ކުރެއްވިކަމަށް ވިދާޅުވެ ކާމިޔާބީ އިއުލާނުކުރައްވައިފި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ އެންޑްރައި ރަޖޮއިލީނާ އާއި މާކް ރަވަލޮމަނާނާ އިންތިޚާބް ކާމިޔާބުކުރެއްވިކަމަށް ވިދާޅުވެފައިވާއިރު، އެނަލީސްޓުން ބުރަވަނީ ދެބޭފުޅުންވެސް އެއްވަރަށް ވޯޓް ހޯއްދަވާނެ ކަމަށެވެ.

"މާދަމާ ބަދަލެއް އަންނާނެ، އަދި މިއަދު ތިޔަ ރައްޔިތުންނަށް ބުނެވޭނޭ 'ޕާޕާ' ހޮވިއްޖެއޭ،" ރަވަލޮމަނާނާ އޭނާގެ މައިމަރުކަޒުގައި ހުންނަވައިގެން އޭނާގެ ވަނަން ބޭނުންކުރައްވާ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން މިދިޔަ ބުދަ ދުވަހު ވިދާޅުވިއެވެ. "ކޮންމެ ގޮތަކަށް ކަންތައްތައް ދިޔަޔަސް، ނިމޭނީ އަހަރުމެން މޮޅުވިކަމަށް."

އެހެންނަމަވެސް، ރަވަލޮމަނާނާ ގެ ވާދަވެރިޔާ ރަޖޮއިލީނާ ވިދާޅުވަނީ: "އަޅުގަނޑަށް ހަމަ ޔަޤީން އިންތިޚާބު ކާމިޔާބުކުރާނީ އަޅުގަނޑުކަން، އެހެންނަމަވެސް ރަސްމީ ނަތީޖާއަށް އަޅުގަނޑުމެން އިންތިޒާރުކުރާނަން."

މިދިޔަ ބުދަދުވަހު ހަވީރު ވޯޓުލުން ބަންދުކުރެވިފައިވާއިރު، ކުރިއަށް މިއޮތް ހަފުތާ ތެރޭގައި ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާއިރު މަޑަގަސްކަރައިގެ މަޝްރަހް ހޫނުވެދާނެކަމަށް މުރާސިލުން ބުނެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން ބުނީ މި ވޯޓުގައި ބައިވެރިވެފައިވަނީ ވޯޓުލާ އާބާދީގެ 50 އިންސައްތަ ކަމަށެވެ. އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއިދުކުރާ ފަރާތްތަކުން ރަސްމީ ނަތީޖާ ލިބެންދެން ކެތްތެރިކަމާއިއެކުގައި ތިބުމަށްވެސް އީޔޫގެ އޮބްޒާވަރުންވަނީ ގޮވާލާފައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމުގެ ކުރިން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކާމިޔާބުވެއްޖެ ކަމަށް އިޢުލާނުކޮށް ސަޕޯޓަރުންނާއި މި މޭރުމުން ވާހަކަދައްކަވާފައި ވުމުން ކުރިއަށް އޮތް ދުވަސްތަކުގައި މަޑަގަސްކަރައިގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެން ހިނގައިދާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *