ސާއްބަ އެނިވާސަރީކަޕުގައި މިއަދު ހަވީރު ކުޅެވުނު މެޗު ފަހަތުން އަރައި ޝީލްޑް ބަލިކޮށް ރިއަލް ސްޓަރސް ސެމީއަށް ދަތުރުކޮށްފިއެވެ.
ރިއަލް ސްޓަރސް މި މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ ފުރަތަމަ ލަނޑު 48 ވަނަ މިނެޓްގައި ޝީލްޑަށް ކާމިޔާބު ކޮށްދިނީ އަލީ ފަޒީނެވެ. އެ ލަނޑާއެކު ރިއަލް ސްޓަރސްގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ކުޅޭ ހއ. ދިއްދޫ ކުޅުންތެރިއެއްކަމަށްވާ މުހައްމަދު ނައުޝާދު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ބައިސްކަލް ކިކަކުން ޖެހި ހިތް ގައިމު މި ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް މުހައްމަދު އަހުމަދު ނަގައިދިން ބޯޅައަކުން ޖެހި ލަނޑެކެވެ. މި ނަތީޖާއާއެކު މެޗު ނިމެންދަނިކޮށް މެޗުން މޮޅުވި ލަނޑު ޖަހައި ސެމީގެ ޖާގައެއް ކަށަވަރުކޮށްދިނީ އިތުރު ވަގުތުގައި އަހުމަދު އަޝްރަފް ޖެހި ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު ނައުޝާދު (ނައުޓީ)އެވެ.
މި ނަތީޖާއާއެކު ރިއަލް ސްޓަރސް އާއި ޔޫތު ފްރެންޑްސްވަނީ ސެމީއަށް ދަތުރުކޮށްފައެވެ. މާދަމާގެ ކުޅޭ މެޗުގައި ބައްދަލު ކުރާނީ އަހުލީ ޖޫނިއަސްއާއި ޔޫތު ފްރެންޑްސް އެވެ.