ޚަބަރު
މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި
މިފްކޯގެ ސީއީއޯ ޝަމާހު---ފޮޓޯ: މިފްކޯ

މޯލްޝިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އަހްމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އުވާލައިފި އެވެ.

ޕީސީބީގެ ބޯޑުން ވަނީ ޝަމާހުގެ ސަސްޕެންޝަން އުވާލުމަށްފަހު ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އެންމެހާ ކަންތައްތައް އެކުންފުނީގެ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޝަމާހުއަށް އިރުޝާދު ދީފަ އެވެ.

ޝަމާހު ސަސްޕެންޑްކުރީ އޭނާއާއި ގުޅޭގޮތުން ލިބުނު ޝަކުވާތަކާއި ގުޅިގެންނެވެ. ޕީސީބީން ބުނީ ޝަމާހު މިފްކޯގެ ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުންކުރާ ކަމާއި، ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މުވައްޒަފުންތަކެއް ގަވާއިދާއި ހިލާފަށް ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި އުސޫލާއި ހިލާފަށް މުވައްޒަފުންގެ މުސާރައާއި ޑިޕާޓްމެންޓް ބަދަލުކުރުމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެއާއެކު، ކުންފުންޏަށް މުވައްޒަފުން ނެގުމުގެ ޕޮލިސީއާއި ހިލާފަށް އޭނާއާއި ގާތް މީހުންނަށް ވަޒީފާ ދިނުންވެސް ހިމެނެ އެވެ.

އަދި ވަޒީފާއެއް އިއުލާންކުރުމެއް ނެތި މީހުން ވަޒީފާއަށް ނަގަމުންދިޔަ ކަމުގެ ޝަކުވާތައް ލިބުނު ކަމަށްވެސް ޕީސީބީން ބުނެފައިވެ އެވެ.

މީގެ އިތުރުން އޭނާއާ ގުޅޭގޮތުން ލިބުނު ޝަކުވާތަކުގެ ތެރޭގައި މިފްކޯގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާއި ހިލާފަށް އެހެން މުވައްޒަފުންނާއި ކުންފުނި ހިންގަން ހަވާލުކުރުމާއި ކުންފުނީގައި ވަޒީފާ އަދާނުުކުރާ އާއިލާގެ މީހުން އޮފީހަށް ވެއްދުމުގެ ޝަކުވާތައްވެސް ޕީސީބީއަށް ލިބުނު ކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top