ފުރާވަރަށް އަރާ ގިނަ ކުދިން އުޅޭނީ ކޮންމެވެސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެނެވެ. ލޯބީގެ ބައްދަލުވުންތައް ބާއްވައި މާފޮޅުވައެވެ. ޒަމާނަށް އައި ބަދަލާއެކު ގިނަ ކުދިން މިބުނި ބައްދަލުވުންތައް މުށުތެރެއަށް ވަދެ ތަފާތު އެޕްތަކުގެ އެހީގައި ޗެޓްކުރަމުންދެއެވެ. މިގޮތަށް މާފޮޅުވުންތަކާއެކުވެސް ކައިވެނީގެ ފޮނިމީރުކަމާ ހިސާބަށް ފޯރަނީ މަދު ފަހަރަކުއެވެ. ގިނަ ކުދިން އުމުރުން 18 ނުވަތަ 20 ވާއިރު ލޯބިވެރިންގެ ލިސްޓުގައި ލައްކަ ނަން އޮވެއެވެ. އަލަތު ލޯބިވެރިޔާގެ ނަންވެސް ގިނަ ފަހަރު ހަނދައިން ނުހުންނަކަމީ ދިވެހި ޒުވާނުން މިކަމުގައި އަރާ ހުރި މިންވަރު އަންގައިދޭ އަލިގަދަ ހެއްކެކެވެ. 

ލޯބިވެރިޔާ ނުވަތަ ބިޓު ކެޓީ ހެއްޔެވެ؟

ލޯބިވެގެން އުޅުނު ގުރާ އަތުން ބީވުމުން ކޮންމެ މީހަކުމެ ދެރަވާނެއެވެ. އުޑުން ބޭލިހާ ތަރިތަކުގެ މަތިން ހަނދާންވެސް ހުންނާނެއެވެ. އެހެންނަމަވެސް ދެރަވާނެކަމެއް ނެތެވެ. ތިބާ ދޫކޮށްލާފައި ދާނީ ކޮންމެވެސް ކަމެއް ގޯސްވީމައެވެ. ކަމުނުދާ ކޮންމެވެސް ކަމެއް ތިބާގެ ފުށުން ފެނުނީމައެވެ. އެހެންކަމަށް ވާނަމަ މިކަންކަން ކުރުމަށް އަވަސްވެ ގަންނާށެވެ.

* ގޯސްކޮށް ކުރެވެނީ ކޮންކަމެއްތޯ ބަލާށެވެ.

ގިނަ ފަހަރަށް ލޯބިވެރިޔާ ދުރަށްދާނީ ތިބާއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭތީއެވެ. އެކަމެއް ނުވަތަ އެކަންކަން އެނގޭނީ އެ ލޯބިވެރިޔާގެ ފަރާތުންނެވެ. ދުރަށް ދަމުން ދައްކާ އުޒުރުންނެވެ. ނުވަތަ ރައްޓެހިންގެ ފަރާތުންނެވެ. ބައެއް ފަހަރު އާއިލާ ތެރެއިންނެވެ. ގިނަ ފަހަރު އެކަމެއް ވިސްނޭނީ ލޯބިވެރިޔާ ދުރަށް ދިޔައީމައެވެ. ކުރިންވެސް އެކަހަލަ ވާހަކަ ދެކެވިފައި ހުރެދާނެއެވެ. ނަމަވެސް ލޯތްބަކީ ކަނު އެއްޗެއްކަމުން އެއިން އެއްވެސް ކަމެއް ގޯސްނުވެދާނެއެވެ.

* ކުރެވުނު ކުށް ނުކުރަން އަޒުމް ކަނޑައަޅާށެވެ.

ތިބާއަށް ކުރެވެމުން ދިޔަ ހުރިހާ ގޯސް އަދި ނުރަނގަޅު އާދަތައް ދޫކޮށްލާށެވެ. އަދި އެކަންކަން ނުކުރުމަށް އަޒުމް ކަނޑައަޅާށެވެ. އަދި ދިރިއުޅުމުގައި ހުރި އާބާތުރަ ފިލުވާލައި އައު ބާބެއް ފަށާށެވެ. ވެދިޔަތަނެއް ދިޔައީއެވެ. 

* ކުށެއްނެތި ބޭވަފާތެރިވީ ހެއްޔެވެ؟

ކުރިން ބަޔާންކުރި ކަހަލަ އެއްވެސް ކުށެއްނެތި ބައިވެރިޔާ އެހެން މީހެއްގެ ފަހަތުން ދިޔަނަމަ އެކަމާ އުފާކުރާށެވެ. ކައިވެނީގެ ގޮށް ޖެހުމުގެ ކުރިން ތިބާގެ ހަޔާތުން ކުނި ފިލުވާލެވުނީތީއެވެ. ހަޔާތުގެ ދަތުރުފަށައި ދަރިން ލިބުމަށްފަހު އެކަހަލަ ކަމެއް ދިމާވުމުން މާ ހިތްދަތިވާނެއެވެ.

ލޯބިވެރިޔާ ނުވަތަ ބިޓު ކެޓިއަސް ދެރަ ނުވާންވީ މިހެންވެގެނެވެ. އެކަން އެހެން ދިމާވުމުން ތިބާވާންވީ އުފަލެވެ. ހަޔާތަށް ބޮޑު ބަދަލެއް އަންނާތީއެވެ. ތިބާގެ ދިރިއުޅުން އިސްލާހު ކުރެވޭތީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *