ޖަލުތަކުގެ ހާލަތު ބެއްލެވުމަށް ހޯމް މިނިސްޓްރީން އުފައްދަވާފައިވާ 'ޖަލުތަކުގެ އޮޑިޓް ކޮމިޝަން' ގެ މަސައްކަތްތައް އަވަހަށް ނިންމަވާދެއްވުމަށް އެ ކޮމިޝަންގެ ކިބައިން ހޯމް މިނިސްޓަރ ޝެއިހް އިމްރާނު މިއަދު އެދިލައްވައިފިއެވެ.
ކޮމިޝަންގެ ބައެއް މެންބަރުންނާއި މިއަދު ބައްދަލު ކުރައްވައި ހޯމް މިނިސްޓަރ ވިދާޅުވީ، ކޮމިޝަނާއި ހަވާލުވެފައިވާ މަސައްކަތަކީ މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީވެ ވަރަށް ފަރުވާތެރި ކަމާއިއެކު އަދި އަވަހަށް އެމަސައްކަތްތައް ނިންމަވާދިނުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނަކީ ވަރަށް ގާބިލް، އަދި ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށާއި، އަދި ވަރަށް އިތުބާރު ކުރަށްވާ ބޭފުޅުން ކަމުގައިވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ތިން ބާވަތެއްގެ ޖަލުތަކެއް ރާއްޖޭގައި ހުރެއެވެ. އެއީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ އާމު ޖަލުތަކާއި، ރިމާންޑް ޖަލުތަކުގެ އިތުރުން ފުލުހުން ބަލަހައްޓަމުންދާ ކަސްޓޯޑިއަލް ޖަލުތަކެވެ.