ޝަރުއީ ނިޒާމް ހަމަޔަކަށް ނޭޅުވިގެން އުޅެނީ އިސްލާމް ޝަރީއަތުގެ މައްސަލައަކުން ކަމަށްދެކޭނަމަ، ތިބާގެ އިސްލާމްކަމާއި މެދު ހުދު ތިމާ ސުވާލު އުފައްދާށެވެ. އެހެނީ އިސްލާމްދީން ވަނީ ފުރިހަމަ ވެގެންނެވެ. އެކަމަށް ޖަދަލުކުރެވޭނެ، ހުއްޖަތެއް ދެއްކޭނެ ޖާގައެއް އެއްވެސް ހަލްގަކަށް ނުވެއެވެ.

އިސްލާމީ ޝަރީއަތުގައިވާ މަރުގެ ހުކުމް ގާއިމުކޮށް ދޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ ލޮލުގައި ހަގީގަތުގައި އަޅުވަނީ އަނދުނެވެ. ޝަރުއީ ނިޒާމުގައި މައްސަލަ އުޅޭނަމަ އެކަން ހަމަޔަކަށް ނޭޅުވެންވީ ސަބަބަކީ ކޮބައިކަން އެނގެން ބޭނުންވާ ކިތަންމެ ބަޔަކު ތިބޭނެއެވެ. މަރުގެ ހުކުމް ގާއިމް ކޮށްދިނުމަށް ރައްޔިތުން ގޮވަމުން ދަނީ އިއްޔެއަކު މިއަދަކުވެސް ނޫނެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުން ފެށިގެން މިއަދާއި ހަމައަށް ލިބިލެއްވި ވަގުތު ކޮޅު ކުޑައީތޯ މިއީ ހަގީގަތުގައިވެސް ސުވާލު އުފެދޭކަމެކެވެ. އިސްލާމީ ފުރިހަމަ ޝަރީއަތަކާއި ނުލާ ގައުމު ހަމަ މަގަށް އަޅުވަން އުޅޭއުޅުމަކީ ހަނޑޫ ނާޅާ ބަތް ކައްކަން އުޅުން ފަދަ ކަމެކެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތަންނުދޭ އެދެވޭ އުޒުރެއް މިހައިތަނަށް ދެއްކިފައި ނުވާއިރު، ކުށަކާ ނުލާ މަރާލެވިފައިވާ  އަދަދު ގުނަ ނުކުރެވޭހާ ގިނަ މަރުގެ މައްސަލަތަށް ހުރިކަމީ ލަދުވެތިވާންޖެހޭނެ ހަގީގަތެކެވެ. ނަމަވެސް ރިޔާސީ ވައުދުތައް ބަސްތާމަގުން ރައްޔިތުންގެ ނިކަމެތި އުނގުތަކަށް ބަންޑުން ކޮށްލާއިރު އެންމެ ކުރީގައި އިންސާފު ކޮންމެ ރައްޔިތަކަށް ގާއިމް ކޮށްދިނުމަށް ވައުދުވާކަމީ ދެބަސް ނުވެވޭނެ ހަގީގަތެވެ.

ޝަރުއީ ނިޒާމް އިސްލާހު ކުރަން 5 އަހަރު ނަގާނަމަ މިހާތަނަށް ކިތައް 5 އަހަރު ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ލިބިފައިވޭތޯއެވެ.

އެތަކެއް ނިކަމެތި ރައްޔިތުންނަށް އިންސާފު ލިބުމަށް ހުރަހަކަށްވެފައިވާ ޝަރުއީ ނިޒާމް ފުނޑު ފުނޑު ކޮށްފައިވަނީ ނިކަމެތި ރައްޔިތު މީހާގެ ކުށުން ތޯއެވެ. ކޯޓުން ހުކުން ކުރިނަމަވެސް ތަންފީޒު ކުރުމަށް ޖެހިލުންވެ ބިިރުގަންނަން ޖެހޭ ސަބަބު ނޭނގޭކަމީ ނިކަމެތި ރައްޔިތުމީހާއަށް ހަގީގަތުގައި ކުރެވޭ މަލާމާތެކެވެ. ވެރިކަން މަކަރާއި ޖެހުމަކީ އިންސާފު ހޯދައި ދިނުން ކަމުގައިވާނަމަ އިންސާފު އޮތީ ފެންނާށެވެ.

ހަގީގަތަކީ ﷲ ސުބްހާނަހޫ ވަތައާލާ އިންސާނުންގެ މައްޗަށް ބާވާލެއްވެވި ގާނޫނު ތަންފީޒު ނުކުރެވި ހަމަ މަގަށް އެޅުވޭނެ ޝަރުއީ ނިޒާމެއް ނޯންނާނެކަން ކަށަވަރުވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *