ރާއްޖެއާއި ޖަޕާނާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ރާއްޖެއަށް އެކިދާއިރާ ތަކުން ބޭނުންވާ އެހީތެރިކަން ހޯއްދެވުމުގެ ބޭނުމުގައި 3 ވަޒީރަކު ޖަޕާނަށް ވަޑައިގަންނަވައިފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެކު ޖަޕާނުގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށްޓަކައި އެ ތިންބޭފުޅުން ތިއްބެވީ ޖަޕާނުގައި ކަމަށެވެ.
މި ތިން ވަޒީރުން ޖަޕާނަށް މި ވަޑައިގެންނެވީ، ރައީސް ޞާލިހް އާއިއެކު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހުގައެވެ. ރައީސްގެ މިދަތުރުފުޅުގައި އިންޑިއާއި އެކު ގިނަ ކަންކަމުގައި އެއްބަސްވުންތަކަށް އާދެވި، އިންޑިއާއިން ރާއްޖެއަށް ގިނަގުނަ އެހީތަށް ވެދިނުމަށް އެއްބަސްވެފައި ވެއެވެ.
ތިން ވާޒީރުންގެ ޖަޕާނު ދަތުރުފުޅުގައި، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެއްވުމަށް ޖަޕާނުގެ ކުންފުންޏަކާއި، އެންވަޔަރަމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއި ކުރެއްވެވިއެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ގައުމެކެވެ.