ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ ކުރީގެ ނައިބު ރައީސް އަދީބް އަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އަދި ސިޔާސީ މަސައްކަތް ތަކުގައި އަދީބް އަށްވެސް ކުރިއަށް ވަޑައިގަތުމުގެ ފުރުސަތުތައް އޮންނަންވާނެކަމަށް ވިދާޅުވަމުން ރައީސް ޔާމީނު އަދީބް އަށް "ގުޑްލަކް" ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނު މިހެން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައި 'މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް'(އެމްޓީޑީ) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރިއަށްދާތީވެ އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަވަމުންނެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީނު ވިދާޅުވީ "އަދީބު ޕާޓީއެއް އުފެއްދެވުމަކީ އަދީބުގެ ހައްގެއް، އަދީބު ޕާޓީއެއް ހައްދަވަންވާނެ ދެއްތޯ! އަދި ޕާޓީއަށް މެންބަރުންވެސް އިތުރުކުރެވޭތޯ ބަލާންވާނެ، ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކަށް ކުރިމަތިވެސް ލާންވާނެ" ކަމުގައެވެ. "އަޅުގަނޑު އެދެނީ އަދީބް އަށްވެސް އަދި އެހެން ސިޔާސީ ފަރާތްތަކަށްވެސް ގުޑްލަކް، ގޯ ވިތް ދަ ޕޮރޮސެސް" ރައީސް ޔާމީނު އިތުރަށް ވިދާޅުވިއެވެ.
އަހްމަދު އަދީބަކީ ރައީސް ޔާމީން 500 ޕަސެންޓް އިތުބާރު ކުރައްވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއްގޮވި ހާދިސާއަށްފަހު މިގުޅުން ވަނީ އެއްކޮށް ގޯސްވެފައެވެ. އަދި އަދީބަކީ މިހާދިސާގައި ކުއްވެރިވެ މިހާރުވެސް ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
އަދީބް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ(އެމްޓީޑީ) އިން 3000 މީހުންގެ ސޮއި ހަމަކޮށް މިއަދު ވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.