ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ވެއްޖެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން އުފެދުނު ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށާއި ކުރީގެ ސަރުކާރުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އަޅައިފައިވާ ހުރަސްތަށް ނެތި ގޮސްފި ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ އާގްރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރުން ޗައިނާ އާއި އިންޑިއާއާ "ތޮޅުވަން" ރާއްޖޭގެ ސިޔާސަތު ބައްޓަން ކުރުމުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަން އުފެދުނު ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ބޭނުން ކުރާނީ ރާއްޖޭގެ ބަޖެޓަށް ކުރީގެ ސަރުކާރުގެ އިހުމާލުން ލިބިފައި ހުރި ގެއްލުންތަށް ހަމަޖެއްސުމަށް ކަމުގައެވެ. ކުރީ ސަރުކާރުގެ މާލީ އުސޫލުތައް ގޯސްކަމުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތައް ހުރަސް ކުރުމަށް އިންޑިއާ އިން ވެފައި ވަނީ ދީލަތި އެހީއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރަށް ޝާހިދު ވިދާޅުވީ ޗައިނާ އަބަދުވެސް އޮންނާނީ ރާއްޖެއާ ގާތް، ރަހްމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ، އެއް ގައުމު އަނެއް ގައުމާ ދޭތެރޭގައި ޖައްސުވަން މަސައްކަތް ކުރާ ބަޔަކަށް ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ދިފާއީ އެއްވެސް އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި އަސްކަރީތަކުގެ ވާހަކަތައް ފިޔަވައި އިތުރު މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރައީސް އަންނަ އަހަރުގެ ކުރީކޮޅު ވަޑައިގަންނަވާނީ އަބޫދާބީއަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ފެއްޓެވި، ދަތުރުފުޅަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.