ށަވިޔަނި އަތޮޅު މިލަންދޫއަކީ ބިމުގެ ބޮޑުމިނުގައި 126 ހެކްޓަރ ހުންނަ ބޮޑު ރަށެކެވެ. އަލަށް އާބާދު ކުރެވުނު މިރަށަކީ ށަވިޔަނި އަތޮޅު މާކަނޑޫދޫ ރައްޔިތުން މިހާރު ދިރިއުޅެމުންދާ ރަށެވެ. 1997 ވަނަ އަހަރު ސަރުކާރުން މާކަނޑޫދޫ ރައްޔިތުން މިލަންދޫއަށް ބަދަލުކުރުމުގެ ސަބަބެއްކަމުގައިވީ ރަށް ގިރުމާއި، ބިމުގެ ފެން ތަގައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަކަށް ދިއުމުގެ ސަބަބެވެ. މާކަނޑޫދޫގެ ރައްޔިތުން އެރަށް ދޫކޮށް މިލަންދޫއަށް ހިޖުރަކުރީ ހިތާއި ދެކޮޅަށް ކަރުނަ އަޅާ ހާލުގައެވެ.
2417 ވަރަކަށް މީހުން ދިރިއުޅޭ މިރަށުގެ މިހުންނަކީ ގެދޮރު އިމާރާތް ކުރުމުގައި ރާއްޖޭގެ ނިސްބަތުން ފަންނުވެރި ބައެކެވެ. ދަނޑުވެރިކަމުގެ އިތުރުން ފަންގި ވިނުމުގެ މަސައްކަތް ކުރަމުންދާ ރަށެއްގެ ގޮތުގައި މިރަށް ފާހަގަކުރެވެއެވެ. ދީނީގޮތުން ހޭލުންތެރި އާބާދީއެއް ދިރިއުޅޭ މިރަށުގައި މަސްވެރިކަމަށް ބަރޯސާ ނުވިނަަމަވެސް މަސްވެރިކަމެއްގެ ގޮތުގައި ވަދާދިޔުމަކީ މިލަންދޫގައި ފަހަކަށް އައިސް ކުރަމުންދާ ހިތްގައިމު މަސައްކަތެކެވެ. އުމްރާނީ ގޮތުން ކުރިއަރާފައިވާ މިލަންދޫގައި ދަރަޖަ 1 ގެ ސިއްހީ މަރުކަޒެއްގެ ހިދުމަތް ފޯރުކޮށްދޭއިރު އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ލިބެއެވެ. މިހެލްތު ސެންޓަރއިން މިފަދަ ހިދުމަތް ތަކެއް ފުރިހަމަ ގޮތުގައި ލިބޭކަމީ ކައިރި ރަށްރަށުން ހާއްސަ ގޮތެއްގައި ށ.ފީވަކާއި ނަރުދޫއިން މިރަށައް ސިއްހީ ހިދުމަތް ލިބިގަތުމަށް މީހުން ޒިޔާރަތްކުރުމުގެ އެއް ސަބަބެވެ.
2017 ވަނަ އަހަރުގައި ސެލްފް ސާރވިސް އޭ.ޓީ.އެމް ގެ ހިދުމަތް ފެށިފައި ވާއިރު ގުރޭޑް 12 އާއި ހަމައަށް ތައުލީމީ ފުރުސަތު މިރަށުގައި ފަހިވެފައިވެއެވެ. ކިޔަވައި ދިނުމަށް މިރަށުގައި 4 ފަންގިފިލާގެ ސުކޫލެއް އެންމެ ފުރިހަމަ ގޮތުގައި ފަރުމާ ކުރެވިފައި ވީއިރު 50 ވަރަކަށް ދަރިވަރުން އަހަރެެއްގެ މައްޗަށް ރަށުން ލިބޭ ތައުލީމީ މަރުހަލާ ކަޑައްތު ކުރާކަން ފާހަގަކޮށްލެވެއެވެ. ރަށުގައި ތިބެގެން ތައުލީމު ހާސިލް ކުރެވޭއިރު، މިރަށުގައިވެސް އެފުރުސަތުވަނީ ފަހިވެފައެވެ. ރަށުގައި ތިބެގެން ބުލޮކަށް ކިޔެވޭކަމީ އިލްމީ ގޮތުން ގާބިލް ދަރިޔަކު މިރަށަށް އުފަންކުރުވާނެ ކަމެކެވެ. މިގޮތުން ބުލޮކަށް ކިޔަވައި ދިނުމުގައި އެމް.އައި ކޮލެޖާއި އެވިޑް ކޮލެޖުން ހިދުމަތްދޭކަމީ މިރަށުގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށަގެ ކުދިންނަށް އިތުރަށް ކިޔަވާނެ ފުރުސަތަށް ލިބިގެންދާނެ ކަމެކެވެ.
ކުނިނައްތާލާނެ ނިޒާމެއް ރަށުގައި މިހައިތަނަށް އެދެވޭ ގޮތުގައި ގާއިމް ކުރެވިފައި ނެތުމީ މިރަށު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. ގުދުރަތީ ރީތި ކުޅިއެއް (ސިކުނޑި ކުޅި) މިރަށުގައި އޮތްއިރު ހިތްގައިމު ރީތި ދޮންވެލީގެ ގޮނޑުދޮށެއް އޮތުމީ ރަށުގެ ރައްޔިތުންނަށް ހިތްގައިމުކަން ގެނުވާ ކަމެކެވެ. އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދިރިއުޅޭ މިރަށުގެ ރައްޔިތުންނަކީ ތަރައްގީއަށް މަސައްކަތްކުރާ، ކެރޭ ހީވާގި ރައްޔިތަކު ދިރިއުޅެމުންދާ ނަމުނާ ރަށެއްގެ ގޮތުގައި އަތޮޅުގައި ނަންކިޔާ ރަށެކެވެ.
ފުދުންތެރި ކަމާއިއެކު ދިރިއުޅޭ މިރަށުގެ ރައްޔިތުންނަކީ ރަށުގައި ވަޒަންވެރިވެ އުޅުމަށް ލޯބިކުރާ ބައެއްގެ ކަން ހާމަވާ އެއްކަމަކީ ހިޖުރަ ކުރުމުގެ ވިސްނުން ރައްޔިތުންގެ ހިޔާލުގައި ނެތުމެވެ.
ސިއްހަތާއި މެދު ފުންކޮށް ވިސްނާ މިރަށަކީ ތަފާތު ކަސްރަތާއި ކުޅިވަރުކުޅުމަށް ލޯބި ކުރާބަޔަކު ދިރިއުޅޭ ރަށެކެވެ. މިގޮތުން މިރަށުގެ ކަނބަލުންނަކީ ދުޅަހެޔޮކަމަށް ކަސްރަތެއްގެ ގޮތުގައި މަދުންނަމަވެސް ފުޓްބޯޅަ ކުޅޭ ބައެއްކަން ފާހަގަ ކުރެވެއެވެ.
މިފަދަ ހިތްގައިމު ރަށްރަށަށް ޒިޔާރަތް ކޮށްލުމަކީ ހިތަށް އުފާގެނުވާ ކަމެކެވެ. މިލަންދޫއަށް ހިޖުރަކުރި ކުރުން މިވަނީ މާކަނޑޫދޫ ރައްޔިތުންނަށް މިއަދު އުފަލެއްކަމުގައި ވެފައިކަމަށް މިރަށުގެ ލޮބުވެތި ރައްޔިތުން ސިފަ ކުރެއެވެ. ތަރައްގީގައި މިލަންދޫ މިވަނީ މުޅި އަތޮޅަށް ނަމޫނާ ދައްކާފައެވެ. އުމްރާނީ ގޮތުން ފާހަގަ ކޮށްލެވޭ މިފަދަ ރަށްރަށަށް ޒިޔާރަތް ކޮށްލުމަކީ ސިކުނޑިއަށް ފިނިކަން ގެނުވާނެ ކަމެއްކަމުގައި ވީހިނދު މެހެމާނުންނަށް މިރަށުން އޮތީ ފުރިހަމަ މަރުހަބާއެއް ކިޔަން ތައްޔާރަށެވެ.