ސައްޙަ ނޫން މެމްބަރޝިޕް ފޯމް ހުށަހަޅާ ފަރާތްތަށް މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމާއި، ވޯޓުލުމުން މަޙްރޫމް ކުރެވޭނެ ކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން އިންތިހާބުކުރުމަށް ބާއްވާ ޕްރައިމަރީގެ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް އެކުލަވާލި ކޮމިޓީއަށް، ނ.ކެނދިކުޅުދޫން ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ ތެރޭގައި، އެމްޑީޕީއަށް ވަނުމަށް ނ.ކެނދިކުޅުދޫ 9 މީހެއްގެ ފޯމުލާފައި އޮތީ، އެމީހުންނަށް ނޭނގިކަމަށާއި އެކަން ބަލާފައިވާ ކަމަށެވެ. އަދި އެކޮމިޓީން ބެލިބެލުމުން އެ ވާހަކައަކީ ޞައްޙަ ވާހަކައެއްކަމުގައި ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަށަވަރު ކުރެވިފައިވާތީ މިހާރު ވަނީ އެ 9 މީހުން، މަޖިލިސް ޕްރައިމަރީގެ ވޯޓާސް ލިސްޓުން އުނިކުރެވިފައި ކަމަށެވެ.
މީގެ އިތުރުން، އެ އަމަލު ހިންގި ފަރާތެއް އެ ކޮމިޓީއަށް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، އެ އަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން އޮޅުވާލުމުގެ އަމަލުތަކުގެ ކުށާއި، އެ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލުގެނައުމުގެ ކުށަށް ފެތޭ ޖަރީމާއަކަށްވާތީ، އެ ފަދަ ޢަމަލެއް ހިންގި ޕާޓީ މެންބަރެއްކަން ކަށަވަރުވެއްޖެނަމަ، ޕްރައިމަރީއަށް ކުރިމަތިލުމާއި ޕްރައިމަރީގައި ވޯޓުލުމުން މަހުރޫމް ކުރެވޭނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.