ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި އެ މަސައްކަތް ކުރަމުން ދިޔަ ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިން ހައްޔަރުކޮށް، ޖިނާއީ ދައުވާ ކުރަންޖެހޭނެ ކަމަށެވެ.

ސިމެންތި ކޮތަޅު ކުއްޖާގެ ބޮލަށް ވެއްޓި، ބޮލާއި ކޮނޑުހުޅާއި ދެފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އެތެރަހައްޓަށް ވަނީ ލޭފައިބައި ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ޒަހަމްތަކުން ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ކުއްޖާއަށް ގިނަ އަދަދެއްގެ ލޭ ބޭނުންވެ ލޭ ހަދިޔާ ކުރުމަށްވެސް ހޮސްޕިޓަލުން އިއްޔެ ގޮވާލި އެވެ. އެކުއްޖާ މިއަދު ނިޔާވީ އިއްޔެ އެކުއްޖާގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހާލު ސީރިއެސް ކަމުން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.

ނަލަހިޔާ ކައިރީގައި ޑަބަލިޔު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި އަނިޔާ ލިބުނު ކުއްޖާ އަށް ހަ ގަޑިއިރު އޮޕަރޭޝަނެއް އިއްޔެ ކުރި އެވެ. މީގެ އިތުރުން ރޭ މެންދަމު ވެސް އެއްގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ.

އެ މަސައްކަތް ކުރަމުން ދިޔައިރު އެތަނުގައި ނުރައްކާ ކަން އަންގައިދޭ ބޯޑެއް ބަހައްޓާފައި ހުއްޓަސް އެ ބޯޑަކީ ގަވާއިދާ ޚިލާފަށް ބެހެއްޓި ބޯޑެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމައިގެން ބަންދު ކޮށްފައި ނެތް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ އިމާރާތް ކުރުމުގެ މަސައްކަތަށް އެ ކައުންސިލުން ދޭ ހުރިހާ ހުއްދަތައް ދޫކުރުން މަޑުޖައްސާލައި، ކޮންސްޓްރަކްޝަން ސައިޓްތައް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

މި މައްސަލައިގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.