ބުޅަލުގެ އުނދަގުލުން ސަލާމަތްވާން ބޭނުން ހެއްޔެވެ؟ ފެންފުޅިއަކަށް ރަތް، ނޫ ނުވަތަ ފެހިކުލަ އަޅައިފައި ބެހެއްޓުމުން ބުޅާ ބިރުގަނެޔޯލަ އެވެ. ނަމަވެސް މި ކަމަކީ އެއްވެސް އަސްލެއް، ހެއްކެއް ނެތް ޔޯލަ ހީ (މިތުmyth) އެއް ކަމަށް ޤަބޫލުކުރެވޭ ކަމެކެވެ.

މިކަމުގެ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ފެނޭތޯ އިންޓަނެޓް ތެރޭގައި އަހަރެން ކުޑަކޮށް ފީނާލީމެވެ. ބައެއް ގޭގޭގައި ފެންފުޅިއަކަށް ކުލަ އަޅާފައި ހުންނަތަން މިހާރަކަށް އައިސް އާއްމުކޮށް ފެންނާތީ އެވެ. މިކަން ޤަބޫލުކުރާ ބަޔަކުވެސް އުޅޭތީ އެވެ.

ދެތިން މިނެޓް އިންޓަނެޓްގައި ފީނައިލުމުން، ބުޅާ ބިރުގަންނަވައި ބުޅާ ކައިރިވިޔަ ނުދިނުމަށް ކުލަ އަޅާފައި ހުންނަ ފެންފުޅި ބެހެއްޓުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮށްއުޅޭ ކަމެއްކަން އެނގޭނެ އެވެ.

ރަށްރަށާއި މާލޭގެ ބައެއް ގޭގެއާއި ހަނި ގޯޅިތަކުގެ ފާރުބުޑުން މި ދެންނެވި ފަދަ ފެންފުޅިތައް ބަހައްޓާފައި ހުއްޓާފެނެއެވެ. އޭގެ ތެރެއިން ބައެއް ގޭގޭގެ މީހުންނާ ވާހަކަ ދައްކައިލީމެވެ.

"ތިއެއް ނޭނގޭ ބުނާކަށް. މީހުން އެހެން ކިޔާތީ ބަހައްޓައިގެން މި އުޅެނީ." ކުލަ ފެންފުޅި ބެހެއްޓުމުން ބުޅާ އައުން ހުއްޓޭތޯ އަހައިލުމުން މާލޭ ގެއެއްގެ މީހަކު ބުންޏެވެ. ބައެއް އެހެން މީހުންގެ ވާހަކަވެސް ހުރީ ހަމަ މިހެންނެވެ. އިންޓަނެޓްގައި ފީނި ފީނުމުންވެސް ކިޔައިލެވުނީ ހަމަ އެއްކަހަލަ ވާހަކަތަކެކެވެ. ނަމަވެސް މިފަދަ ފެންފުޅި ބެހެއްޓުުމުން ބުޅަލުގެ އުނދަގުލުން ސަލާމަތް ވާކަމަށް ބުނާ މީހުން ދައްކާފައި ހުރި ވާހަކަތައް ތަފާތެވެ.

"ކުލަ ފެންފުޅިން ބުޅަލަށް އޭގެ ސޫރަ ފެންނާނީ މާ ބޮޑުކޮށް." އިންޑިޔާ މީހަކު ބުންޏެވެ. އެކަކު މިހެން ބުނިއިރު އެހެން މީހަކު ބުނީ ބުޅަލަށް އެސޮރުގެ ސޫރަ ފެންނާނީ ޑިސްޓޯޓެޑް distorted ކޮށް ކަމަށެވެ. އެހެންކަމުން އެސޮރުމެންގެ ތަފާތުވެފައިވާ ސޫރަ ފެނި ބިރުން ދުރަށްދާ ކަމަށްވެސް އެމީހުން ބުނެއެވެ. އަނެއް ބަޔަކު ބުނަނީ ފެންދެކެ ބުޅާ ބިރުގަންނާތީ ބިރުން ފިލަނީ ކަމަށެވެ. 

ނަމަވެސް މިހިރަމިހިރަ ކަންކަމީ ހައްތަހާވެސް ޔޯލަ ހީ ތަކެއް (މިތުmyth) ކަމަށް އަހަންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އެހެން ބަހައްޓާފައި ހުންނަ ފެންފުޅީގައި ބުޅާ ވަކި އަޅައި އެސޮރުގެ ހިޔަންޏާ ކުޅެ މަޖާކުރާ މަންޒަރުވެސް ފެނިފައި އެބަހުއްޓެވެ.

މިގޮތަށް ފެންފުޅި ބެހެއްޓުމަކީ ޖަޕާނުގައި ނުހަނު އާއްމު ކަމެކެވެ. މިކަން އާއްމުވެ ވައިގައި ހިފައިފައިވާލެއް ބޮޑުކަމުން މީގެ ހަތް ވަރަކަށް އަހަރު ކުރިން ޖަޕާނުގެ ‘ބްރޭކްފާސްޓް ޓީވީ' ޗެނަލް އަކުން މި ޔޯލަ ހީ ފަޅާއަރުވައިލުމަށް ނިންމައި އެކަން ކާމިޔާބުކުރި އެވެ. އެމީހުން ޓެސްޓްކުރި ވީޑިއޯތަކުން ފެންނަނީ ވަށް ބުރަކަށް އަތުރާފައި ހުންނަ ފެންފުޅި ތަކެކެވެ. ކޮންމެ ފުޅިއެއްވެސް ހުރީ ކަޅު ކަރުދާސް އޮޅާފައެވެ. އެތެރޭގައި ހުރި ފެން ނުދެއްކުމަށެވެ. ފުޅިތަކުން ހަދާފައިވާ ބުރުގެ މެދުގައި ކާއެއްޗެހި ބަހައްޓާފައި ހުއްޓެވެ. އެދިމާއަށް ބުޅަލެއް ދޫކޮށްލުމުން އެސޮރު އެއްވެސް ފަސްޖެހުމެއް ނެތި ބުރުތެރެއަށް ވަދެ ކާން ފަށައެވެ. 

އެއަށްފަހު ހަތަރު ފުޅި ބަހައްޓާފައި ފުޅިތަކުގެ އަނގައަށްވާ ހިސާބުގައި ނަނުފަށެއް އައްސައި ހަތަރުު ފުޅި ހަރަކަށް ބޭނުންކޮށްގެން ހަތަރެސްކަނަށް ނަނު ދަމައެވެ. ނަނުތަކުގައި ސީޑީ/ޑީވީޑީ އެލުވާފައި ބެހެއްޓުމަށްފަހު އަނެއްކާވެސް އޭގެ މެދުގައި ކާތަކެތި ބަހައްޓާފައި ބުޅާ ދޫކޮށްލައެވެ. އެސޮރު މިފަހަރުވެސް އެއްވެސް ފަސްޖެހުމެއް ނެތި ގޮސް ކާއެތިކޮޅު ކައިލައެވެ.

ވީޑިއޯ ނިމޭހިސާބުން ފެންނަނީ ހުދުކުލައިގެ ކޯޓެއް ލައިގެން ހުންނަ މީހެއް ވާާހަކަދައްކާ ތަނެވެ. ޖަނަވާރުންނާއިބެހޭ ތަޖުރިބާކާރެއް ކަމަށްވާ އެމީހާ ދެއްކި ވާހަކަތަކުން އެނގުނީ ޕްލާސްޓިކް ފުޅިއަށް ފެން އަޅައިފައި ބަހައްޓައިގެން މިކުރާ ކަންތަކުގެ ސަބަބުން ބުޅާ ބިރުގަންނާނެ ހަމަ އެއްވެސް ގޮތެއް ނެތްކަމަށެވެ. އެހެންކަމުން ބުޅާ ފަހަން ބޭނުންކުރާ މި ފެންފުޅީގެ އަސްލަކީ ހަމަ ސީދާ ޔޯލަ ހީ (މިތުmyth) އެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *