އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ވެހިކަލެއް އެ ގައުމުގެ ބަންޑާރަޔަކަ އިންޓަނޭޝަަނަލް އެއާޕޯޓާ ކައިރި މަގަކުން ފެނިގެން ހިންގި ހާއްސަ އޮޕަރޭޝަނަކާ ގުޅިގެން އެއާޕޯޓްގެ ހިދުމަތްތަކަށް ބުރޫ އަރައި ފްލައިޓްތައް ޑިލޭ ވާނެކަން ހާމަކޮށްފިއެވެ.
"ލަންކާގެ ނިއުސް ފަސްޓް" އިން ހާމަކޮށްފައިވާ ގޮތުގައި އެއާޕޯޓްގެ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލީ އެއާޕޯޓާ އިންވެގެން އޮންނަ މަގަކުން ފެނުނު ޝައްކުކުރެވޭ ވެހިކަލެއް ފާސްކޮށް، އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ކަމަށާއި އެ އޮޕަރޭޝަނަށް ފަހު މަގު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ގޮތުން އެކަމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން ދަތިތަކަކާ ކުރިމަތިވުމުގެ ސަބަބުން ފްލައިޓްތަށް ވަރަށް ބޮޑަށް ޑިލޭވާނެކަމަށް އެއާޕޯޓްއިން ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހު ލަންކާގެ ކްރިސްޓިއަން ބައެއް ފައްޅިތަކާއި ހޮޓާތަކަށް، ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 360އަށް އަރައިފަ އެވެ.