އިއްޔެ ހެނދުނު ޕޭވްމަންޓު މަތިން ހިނގާފައި ދަނިކޮށް އިމާރާތެއްގެ މަތިން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާ އަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
ފ. ނިލަންދޫގައި މަސައްކަތްކުރަމުން އަންނަ ބަންގަދޭޝް ދެ ޑޮކްޓަރުންގެ ހަތް އަހަރަށްދާ އަންހެން ކުއްޖާ ނިޔާވީ، މިއަދު މެންދުރު 12:45 ހާއިރު ކަމަށް ކުއްޖާގެ އާއިލާއިން ބުންޏެވެ.
ސިމެންތި ކޮތަޅު ކުއްޖާގެ ބޮލަށް ވެއްޓި، ބޮލާއި ކޮނޑުހުޅާއި ދެފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އެތެރަހައްޓަށް ވަނީ ލޭފައިބައި ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ޒަހަމްތަކުން ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ކުއްޖާއަށް ގިނަ އަދަދެއްގެ ލޭ ބޭނުންވެ ލޭ ހަދިޔާ ކުރުމަށްވެސް ހޮސްޕިޓަލުން އިއްޔެ ގޮވާލި އެވެ. އެކުއްޖާ މިއަދު ނިޔާވީ އިއްޔެ އެކުއްޖާގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހާލު ސީރިއެސް ކަމުން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.
ނަލަހިޔާ ކައިރީގައި ޑަބަލިޔު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި އަނިޔާ ލިބުނު ކުއްޖާ އަށް ހަ ގަޑިއިރު އޮޕަރޭޝަނެއް އިއްޔެ ކުރި އެވެ. މީގެ އިތުރުން ރޭ މެންދަމު ވެސް އެއްގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ.
މި މައްސަލައިގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.