ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ޕީޕީއެމްއިން ކުރިއަށް އޮތް ތަނުގައި ހިފާނެ ކަމަށް ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަކޮށް ކޮންމެ ރެއަކު ވެސް އެ ޕާޓީގެ އޮފީސް ކުރިމަތީގައި ކޮންމެވެސް ހަރަކާތެއް ހިންގާނެ ކަމަށެވެ.
"މި ވާހަކަ ދައްކަން ޖެހުނީ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަކީ އަޅުގަނޑުމެން ވެސް ފަރިތަކަމާ އެކު މާލޭގެ މަގުތަކުގައި ކުރަން ދަންނަ ކަންކަން. އެއްވެސް ޕާޓީއަކުން ނުވަތަ ކޯލިޝަނަކުން ގަބޫލު ކުރައްވައިގެން ނުތިއްބަވާތި އަޅުގަނޑުމެންނަށް ހިނގަން ނޭންގޭ މަގަކުން އެ ބޭފުޅުންނަށް ހިނގިފައި އޮންނާނެ ކަމަށް،" ނިހާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ނިހާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓެއްގައި 100 މިލިއަން ރުފިޔާ ހުރި މައްސަލަ ދިފާއު ކުރައްވަ ވާހަކަފުޅު ދައްކަވައިފަ އެވެ.
އެ ޕާޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެށޭނީ ކޮންމެ ރެއަކު ވެސް ޕާޓީގެ އޮފީސް ކުރިމަތިން ރޭގަނޑު 8:30 ގައި ކަމަށް އެ ބައްދަލުވުމުގައި ޕީޕީއެމުން ބުންޏެވެ.