އިއްޔެ މުޅި ސޯޝަލް މީޑިއާގައި ފަތުއަޑު ކިޔާފައި ފެތުރުނީ ހިތާމަވެރި، އެހެނަސް ބިރުވެރި ޚަބަރެކެވެ. ތުއްތު ތުއްތު ކުއްޖެއްގެ ބޯމައްޗަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާގެ ވާހަކައިންނެވެ. ވީޑިއޯ އާންމުވިއެވެ. ފެންނަނީ ބޯޑެއްވެސް ޖަހާފައިހުރި ސަރަހައްދަކަށް ކުޑަ ކުއްޖަކު ހިނގާފައި ވަދެގެން އަންނަ މަންޒަރެވެ. ކައިރީގައި ތަންކޮޅެއް ފަހަތުން އަންހެނެއް އާދެއެވެ. ހީވާގޮތުން އެއީ މަންމައެވެ. ކުއްލިއަކަށް މަތިން އެއްޗެއް ފައިބައިގެން ވެއްޓެނީ އެކުޑަ ކުއްޖާގެ ގައިމައްޗަށެވެ. ކުޑައިރުކޮޅެއް ފަހުން އެކުއްޖާ ނަގައިގަނެގެން ގެންދާ މަންޒަރުފެނެއެވެ. ފަހުން އެނގުނު ގޮތުގައި އެ ކުއްޖާއަކީ ބަންގްލަދޭޝްގެ ޑަކްޓަރެއްގެ ދަރިއެކެވެ. މާލެއައިސް އުޅެނީ ޗުއްޓީއަކަށެވެ. ނަމަވެސް ތަގުދީރު ނިޔާކުރިގޮތް ނިކަން ދެކިބަލާށެވެ. އެ މައުސޫމް ކުއްޖާ މިއަދު އެއޮތީ ހޮސްޕިޓަލުގައި ސީރިއަސް ހާލަތުގައެވެ. 

މި ހާދިސާ ހިނގައި މިވާހަކަތައް އިސާހިތަކު ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެރިއެވެ. އެއާއެކު ސިޔާސީ މީހުންގެ ވާހަކަތައްވެސް ފެންމަތިވިތަން ފެނުނެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ބަހުންނަމަ، ހުރިހާވެސް މައްސަލައަކީ ނިމިދިޔަ ޔާމީންގެ ސަރުކާރުގެ ދޯހަޅި ސިޔާސަތެވެ. މަސައްކަތްކުރި މީހުން އެކަން ކުރީވެސް ހުއްދަ ނުނަގާކަމަށްވެސް ހާމަކުރިއެވެ. ރައީސުލް ޖުމްހޫރިއްޔާ އިންޑިޔާ ދަތުރުގައި އުޅުއްވަމުންވެސް މިކަން ބެއްލެވިއެވެ. ކޮންސްޓްރަކްސަން މަސައްކަތްކުރާ ސައިޓްތަކުގެ ސަލާމަތީ ކަންކަން ބެލުމަށް އަމުރުކުރެއްވިއެވެ. އަދި އިމާރާތްކުރުމަށްދެވޭ ހުއްދަ ދިނުންވެސް މަޑު ޖައްސާލެއްވިއެވެ. ޒުވާނުންގެ މިނިސްޓަރ މަހުލޫފް ކުއްޖާގެ އާއިލާއާ ބައްދަލުކުރިއެވެ.

ނަމަވެސް، މިކަމުން އަހަރެންނަށް ދޭހަވަނީ އެހެންކަމެކެވެ، އެންމެންގެވެސް އިހުމާލެވެ. މަސައްކަތްކުރާ ސައިޓްތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމަކީ އެ މަސައްކަތްކުރާ ބައެއްގެ ޒިންމާއެކެވެ. ހެދިފައިވާ ގާނޫނުގައިވެސް އެކަން އޮތީ އެބީދައިންނެވެ. ނަމަކަށް ދައު ދަމައިގެން ނުވަތަ ބޯޑު ޖަހައިގެން މަސައްކަތް ކުރުމަކީ އެކަން ކުރާންވީ ގޮތެއް ނޫނެވެ. މަސައްކަތްކުރާ ސައިޓްގައި ހުންނަން ޖެހޭ ސްޕަވައިޒަރު ކޮބައި ހެއްޔެވެ؟ އޭނާގެ ޒިންމާ އުފުލަން ނުޖެހެނީބާއެވެ؟

ސައިޓްތަކަށް ހުއްދަދެނީ ސަރުކާރުގެ ވުޒާރާއަކުންނެވެ. ހުއްދަ ދިނުމަކުން އަދި ނިމުނީއެއްނޫނެވެ. އެކަން ބެލެން ޖެހެއެވެ. ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވެސް ޖެހެއެވެ. ރަނގަޅު ނުކުރާނަމަ، ހުއްދަ ބާތިލްކުރުމަކީވެސް ކުރެވޭނޭ ކަމެކެވެ. އެކަން ނުބެލި މިފަދަ ހާދިސާއެއް ހިނގުމަކީ ހަމައެކަނި މަސައްކަތްކުރި ކުންފުނީގެ ޒިންމާއެއް ހެއްޔެވެ؟ 

ދެން އޮތީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެވެ. ކިތަންމެ އަވަހަށް ތާކަށް ދާންވެފައި ހުއްޓަސް ބޯޑެއް ހުރިއްޔާ ކިޔާލާށެވެ. އަދި އެއަށް އަމަލުކުރާށެވެ. މަސައްކަތް ކުރަމުންދާ ސަރަހައްދަކަށް ވަނުމަކީ ނުރައްކާތެރި ކަމެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެންނަމަވެސް ކަން ފަސޭހަކަމުންނާއި ފަރުވާ ކުޑަކަމުން އަހަރުމެން އެއްވެސް ޖެހިލުމެއްނެތި ހިނގާފައިދަނީ ފަރުދީ ޒިންމާ ނުނެގޭތީއެވެ. ކަމެއްވާނީ ބުނެފައެއް ނޫނެވެ. ނަމަވެސް ރައްކާވެ ތިބިއްޔާ ދަތުރޭ އަހަރުމެންގެ ކާބަފައިން ބުނަނީ ބުނާން ވެގެނެވެ.

ދަންނަވަންތޯއެވެ. ރެކެން މަސައްކަތް ނުކުރައްވާށެވެ. މައްސަލައިން ފިއްލަވަން ނޫޅުއްވާށެވެ. އެމީހެއްގެ ޒިންމާ ނަންގަވާށެވެ. ފަރުދުން ފަރުދީ ޒިންމާ ނަންގަވާށެވެ. ކުންފުނިތަކުން ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބާށެވެ. ނަމަކަށް ކަމެއް ނުކުރާށެވެ. ކޮންމެ ފުރާނައަކީވެސް އަގުބޮޑު ފުރާނައެކެވެ. ސަރުކާރުން މިހުރިހާ ކަމެއް ބައްލަވައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާށެވެ. ކުރީގެ ސަރުކާރުގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަކީ ހައްލެއްނޫނެވެ. އަދި ރެކުމަކީ މައްސަލަ ހައްލުވާނޭ ކަމެއްވެސް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *