ބަރުދަން ލުއިކުރުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބުވެފައި ނުވާ މީހުންނަށް މިއީ ފަރުވާއެކެވެ. ހަމައެކަނި ބޭނުންވާނީ މާމުއި، ލުނބޯ އަދި ފޮނިތޮށި އެއްކޮށްގެން ހަދާ ޕޭސްޓެކެވެ.
ތަފާތު އަދި ފަސޭހަ ރެސިޕީއެއް (ރަހަފަތެއް) ދޯއެވެ. މިތަކެތި ބޭނުންކުރުމުން ބަރުދަން ލުއިކޮށްދެނީ ކިހިނެތްވެގެންކަން ބަލައިލަމާ ހިނގާށެވެ. މާމުއި، ލުނބޯ އަދި ތާފަނާ ފެނަކީ ހަޖަމުކުރުން ރަނގަޅުކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް (ޑޮކްސިންސް ތައް) ސާފުކޮށްދީ ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ އެއްޗެހިތަކެކެވެ. މިހެންވުމުގެ މައިގަނޑު ސަބަބަކީ ލުނބޯގައި ހުންނަ ‘ޕެކްޓިން’ ގެ ސަބަބުން ގިނައިރުތަކެއް ވާންދެން ކައިގެން ފުރިފައި ހުންނަ ކަމުގެ އިޙްސާސް ކޮށްދޭތީ އެވެ. ކާހިތްވުން ދުރުކޮށްދޭތީ އެވެ.
މީގެ އިތުރުން ލުނބޯ، މާމުއި އަދި ފެން އެކުވުމުން ބަނޑުތެރޭގައި އަލްކަލައިން ވައިގެފަށަލައެއް އުފެދޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ފެޓްސް ނުވަތަ ސަރުބީ ވިރުވައިލުމުގައި މާބޮޑަށްވެސް އެހީވެދޭނެ އެވެ.
މިއާ ޚިލާފަށް ފޮނިތޮށްޓަކީ ހަޖަމުކުރުން ރަނގަޅުކޮށްދީ، ކާބޯހައިޑްރޭޓްސް ކުދިކުދިކޮށްލުމާއި އިންސިއުލިން އުފެއްދުމުގެ މަސައްކަތަށް އެހީވެދީ އެއްގޮތެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. މީގެ އިތުރުން ކާބޯތަކެތީގައި ހުންނަ ކާނާގެ ބައިތަށް އެސިމިލޭޓް ކޮށްދިނުން ތަރައްޤީކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން ފުރިފައި ހުންނަކަމުގެ އިޙްސާސް ކުރެވި ބަނޑުހައިވުން ކުޑަކޮށްދެ އެވެ. އާޚިރުގައި ބަރުދަން ލުއިކޮށްދެއެވެ.
މިތަކެތި ބޭނުންކުރާނީ ކިހިނެތް
ބޭނުންވާނެ ތަކެތި:-
– އެއް ސައިސަމުސާ މުގުރާފައިވާ ތާޒާ ފޮނިތޮށި
– ބައި ކިބަ ލުނބޯހުތް
– އެއް ސައިސަމުސާ މާމުއި
– އެއް ތަށި ތާފަނާ ފެން
ތައްޔާރުކުރާނެ ގޮތް:-
ބިއްލޫރި ތަށްޓެއްގެ ތެރެއަށް އެއް ސައިސަމުސާ މުގުރި ފޮނިތޮށި އަޅާށެވެ. ލުނބޯހުތާއި މާމުއި އަޅައި އެއްކުރާށެވެ. ޕޭސްޓަކަށް (ބަދެލި އަކަށް) ވާންދެން ހުރިހައި އެއްޗެއް ރަނގަޅަށް ގަށައި އެއްކުރާށެވެ. އެއަށްފަހު، ތާފަނާފެން އަޅައިގެން ރަނގަޅަށް ގިރާލާށެވެ.
ބޭނުންކުރާނެ ވަގުތާއި މިންވަރު:-
ރެއާދުވާލު މަދުވެގެން އެއް ފަހަރު މި ބޮވޭތޯ ބަލަންވާނެއެވެ. ރަނގަޅީ ހެނދުނު ހުސްބަނޑާހުރެ ބުއިމެވެ.
މި ރެސިޕީ (ރަހަފަތް) މިއީ ބުނެވޭގޮތުން ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދޭ ރަހަފަތެކެވެ. އަޅުގަނޑު ދަންނަ މީހެއް މި ރަހަފަތް ބޭނުންކޮށްގެންނާއި ކެއުމުގައި ހަމައެކަނި ތަރުކާރީއާއި މޭވާ ބޭނުންކޮށްގެން ވަރަށް ބޮޮޑުތަނުން ބަރުދަން ލުއިކޮށްފި އެވެ. ކުރިން ހުރި ބުރުސޫރައަށް އިތުރު ސާއްބަ ކަމެއް ހޯދައިފި އެވެ.
ސަމާލުކަމަށް:
ކަމާބެހޭ ސިއްޙީ މާހިރެއްގެ ލަފަޔާއި އިރުޝާދު ނުހޯދައި މި ގެވެށިފަރުވާ ބޭނުން ނުކުރާށެވެ. ކޮންމެ ގެވެށިފަރުވާ އެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން އާދަކުރާށެވެ.