ހަދަމުންދާ އިމާރާތެއްގެ މަތިން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މިއަދު ޒަހަމް ވެގެން އައިޖީއެމްއެޗުން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި، މ.ނަލަހިޔާ ކައިރީގައި ހަދަމުންދާ އިމާރާތެއްގެ މަތިން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއެއް މިއަދުގެ 10:45 ގައި ރިޕޯޓް ކުރެވިފައި ވާތީވެ އެކަން ބަލަމުން ދާކަމުގައެވެ. އަދި އެ ބަސްތާ ވެއްޓުނީ ސީދާ ކޮން ދިމާއަކުން ކަމާއި، ކިތައްވަނަ ބުރިންކަމެއް އަދި ސާފުނުވާ ކަމުގައެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ވިދާޅުވީ، ނުވަ އަހަރުގެ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިގެން ފަރުވާދެމުން އަންނަ ކަމަށާއި، އިމަޖެންސީގައި ފަރުވާ ދެވެމުން އަންނާތީވެ އެކުއްޖާގެ ހާލަތާއި ބެހޭގޮތުން އަދި މައުލޫމާތެއް ނުލިބޭ ކަމުގައެވެ.