އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް، އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ. 

އެމަނިކުފާނު އިންޑިޔާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވަނީ ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާ ކުރައްވައިފައެވެ. މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެއްވި ބަސްދީގަތުމެއްގައި، މިދަތުރުފުޅާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިޔާއަކީ ރާއްޖެއާ އެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމުކަމަށާއި، މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުގައެވެ.

"ރާއްޖޭގެ ތަރައްޤީއަށް އިންޑިޔާއިން ވެދޭ އެހީތެރިކަން، އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނަން. އަދި ކުރިމަގުގައި ވެސް ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާތަކުން، އިންޑިޔާގެ އެހީތެރިކަން ލިބެމުންދާނެ ކަމަށް، އަޅުގަނޑު އުންމީދުކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެޤައުމުގެ ރައީސް ރާމް ނާތު ކޯވިންދްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި، އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ހަމަޖެހިފައިވާކަމަށާއި، އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވާ، އެ ބޭފުޅުންގެ ޝައުޤުވެރިކަން ހޯދުމަށް ވެސް، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ޤާއިމުކުރަން ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން، ދެޤައުމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއްބަސްވުމަކީ، ވިސާގެ ލުއިފަސޭހަތަކާ ބެހޭ ގޮތުން ސޮއިކުރާ އެއްބަސްވުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި މިދަތުރުފުޅުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އެއްބާރުލުން ދަމަހައްޓަމުން އަންނަ ދާއިރާތައް ކަމަށްވާ، ޞިއްޙީ ދާއިރާއާއި، ސަގާފީ ކަންކަމާއި، ދިފާއީ ކަންކަމުގައި، މިދަތުރުގެ ސަބަބުން މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގައި  ދެކެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

"މިދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އަނެއް ކަމަކީ، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޑިޔާ ސަރުކާރާއެކު ވާހަކަދެއްކުން. އަދި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމާ ގުޅޭ ގޮތުން ވެސް އިންޑިޔާގެ ވެރިންނާއެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *