މި ކުޑަ ކުޑަ ދިވެހިރާއްޖެއަކީ ޒަމާނުންސުރެ އިސްލާމްދީނަށް ލޯބިކުރަމުން އަންނަ ރައްޔިތެއް ދިރިއުޅެމުންދާ ގައުމެކެވެ. އިލާހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާކަން އަބަދުވެސް ހަނދުމައިގައި ބަހައްޓައިގެން އުޅެމުން އައި މި މުޖްތަމައު މިއަދު މިވަނީ އެެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ. މިސްކިތްތައް ކުރިން ފުރިބާރުވެފައި ހުރި ނަމަވެސް މިއަދު މިފެންނަނީ މިސްކިތްތަކުގައި ހަތަރު ސަފު ވެސް ފުރާނުލެވިގެން އުޅޭމަންޒަރެވެ. މާތްވެގެންވާ އަޅުކަމަށް ގޮވައިލެވޭ ހިނދު ނުވަތަ ބަންގި ގޮވާ އަޑު އިވުނުކަމުގައިވީ ނަމަވެސް މުހިންމު ވެގެންދަނީ އަތުގައި އޮންނަ ފޯނެވެ. ބޯން އިންނަ ކޮފީ ތަށްޓެެވެ. ނުވަތަ ސައިކަލުގައި ބުރެއްޖަހާލުމެވެ. އެއްވެސް ހާލެއްގައި ސިކުނޑިއަށް ވިސްނައިނުލެވެނީ ކަމުގައި ވެދާނެއެވެ. ކޮންމެ ވަގުތަކުވެސް މަރު އައިސް ތިމާއަށް ސަލާމް ގޮވާލަފާނެއެވެ. އަދި މިހަށިގަނޑު ދޫކޮށް މި ދުނިޔެއިން ދިއުމަށް އަމުރު ކުރެވިގެން ހިނގައިދާނެއެވެ. އެއަމުރަށް ދެކޮޅު ހެދޭނެ އެންމެ މަޚްލޫގެއްވެސް ނުވާނެއެވެ. އެހެނީ އެއަމުރަކީ އަޅަމެންގެ ރައްބު، ﷲ ސުބްޙާނަހޫ ވަތައާލާގެ ހަޟްރަތުން އަންނަ އިލާހީ އަމުރެކެވެ. އަދި އެއަމުރު ތަންފީޒްކުރުމަށް، މަރުގެންދަވާ މަލާއިކަތާ އެންމެ ހިނދުކޮޅަކަށްވެސް ފަސް ނުޖެހޭނެތެވެ.
ނަމަވެސް މިފަދަ ކަންކަމުގެ މަތިން މިހާރުގެ މުޖްތަމައު މިވަނީ ހަނދާން ނެތެން ފަށާފެއެވެ. ދުނިޔެ ތަހުޒީބުވެގެން އައިއިރު ލިބެންފެށި ވަސީލަތްތަކާއި އަދި ނޭދެވޭ އިލްމުގެ ސަބަބުން އިންސާނުން މިއަދު މިވަނީ ހެޔޮވިސްނުމުން ދުރުވެ ޣާފިލް ވެފައެވެ. މަގުއޮޅިގެން ދިއުމުގައި އިހްމާލުވަނީ މައިންބަފައިން އެކަންޏެއް ނޫނެވެ. ސުކޫލްތަކުގައި އިސްލާމްދީން، މާއްދާއެއްގެ ގޮތުން ކިޔަވައިދެނީ ވެސް ދަރިންނަށް އިސްލާމްދީން އުނގައްނައިދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އިސްލާމްދީން އުނގައްނައި ދިނުމުގައި ފަރުވާކުޑަ ކޮށްލެވުނީ އެވެ. އޭގެ ނަތީޖާއަކަށްވީ އިސްލާމްދީނާއި ދޭތެރޭ ކުދިން ދެކޭގޮތް ބަދަލުވެގެން ދިއުމެވެ.
لا إله إلا الله محمد رسول الله, ޝަހާދަތުގެ ދެ ކަލިމަ މިފަދައިން ކިޔައިފި މީހާ މުސްލިމަކަށް ވާނޭ ބުނެވޭ ބަހުގައި ވަރަށް ބޮޑު މާނައެއް ވެއެވެ. އަދި ހަމަ ކަށަވަރުން މި ދެ ކަލިމަ ކިޔައި އެއަށް އަމަލުކުރި މީހާ ސުވަރުގެ ވަންނާނެކަންވެސް ކަށަވަރެވެ. ނަމަވެސް ހަމަ އެކަނި ކިއުމަކުން ފަރުޖެހުނީއެއް ނޫނެވެ. ކާމިޔާބުވާނީ ޝަހާދަތުގެ ދެ ކަލިމަ ކިޔައި އެއަށް އަމަލު ކުރި މީހާ އެވެ. ހަމައެކަނި މި ދެ ކަލިމަ ކިޔައިލައިގެން ސުވަރުގެ ވަންނާނެ ކަމަށް ގަބޫލް ކުރާ މީހުން ވާނީ ނާކާމިޔާބު މީހުންގެ ތެރެއިންނެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައިފި ނަމަ މުސްލިމަކަށް ވާނޭ ބުނެއެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައިފި މީހާ ސުވަރުގެ ވަންނާނޭވެސް އިސްލާމް ޓީޗަރުން ކިޔައިދިނެވެ. ނަމަވެސް މިވަރުން ފުދޭނެތޯއެވެ.
މިއަދު މިފެނިގެންދަނީ މި ދެ ކަލިމަ ކިޔައިފި ނަމަ ސުވަރުގެ ވަދެވޭނޭ ބުނެ ފާފަ ތަކަށް ފާޅުގައި އަރައިގަންނަމުންދާ މަންޒަރެވެ. ތިމަންނާމީ މުސްލިމެކޭ ބުނެ ބަންގިއަށް ފުރަގަސްދޭ މަންޒަރެވެ. ނުވިސްނެނީ ކަމަށް ވެދާނެއެވެ. އެހެން ބުނާ މީހުންނަށް އެ ބުނެވެނީ، ތިމަންނަ ނަރަކައިގައި ކެތްކޮށްލާފާނަމެވެ. ދުނިޔެވީ އުފާ ތިމަންނާއަށް ދޭށެވެ. ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަދެވޭނެތާއެވެ. ހަމަ ނުވިސްނެނީ ކަމަށް ވެދާނެއެވެ. ނަރަކައިގައި ތިމާ ހޭދަ ކުރަންޖެހޭނީ ކިހާ ވަރެއްގެ އަޒާބެއްގައި ކަން ނޭނގެނީ ކަމަށްވެދާނެއެވެ. އަދި އެތަނުގައި ހޭދަކޮށްލަން ޖެހޭނީ ކިހާ ދުވަހެއް ކަންވެސް ތިމާ ވިސްނާލަން ބޭނުން ނުވަނީތާއެވެ.
އެންމެ ފާފައަކަށް ވެސް 70،000 އަހަރު ވަންދެން އެ ނަރަކައިގައި އަޒާބުދެވޭނެއެވެ. ދުނިޔޭގައިވާ އަލިފާނަށް ވުރެ 70 ގުނަ އިތުރަށް ނަރަކައިގެ އަލިފާން ހޫނު ވާނެއެވެ. ތިމާއަށް މި ދުނިޔޭގައި އިޙްސާސްވާފަދައިން ހަމަ އިހްސާސް ވާނެއެވެ. ތަދުވެސް ވާނެއެވެ. ދުނިޔޭގައިވާ އިހްސާސް ތަކާއި ތަދަށް ވުރެ ނަރަކައިގައި ވާ އިހްސާސްތަކާއި ތަދު އިތުރުވާނެއެވެ. ސަލާމަތަށް އެދި ތިމާ ﷲ ސުބަހާނަހޫ ވަތައާލާގެ ހަޟްރަތުގައި އެދޭ އެދުމުގެ ޖަވާބުވެސް ލިބޭނީ 70 އަހަރު ފަހުންނެވެ. މިފަދަ ތަނެއްގައި ތިމާ ކެތްކޮށްލަން އެދެނީ ހެއްޔެވެ؟
ޝަހާދަތުގެ ދެ ކަލިމަ ކިއުމުން ސުވަރުގެ ވަންނާނެ ކަމަށް ހީކޮށް ފާފަތަކަށް އަރައި ނުގަންނާށެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައި އެއަށް އަމަލު ކުރާށެވެ. ކާމިޔާބު ވާނީ އޭރުންނެވެ.