ރައީސްގެ ދަތުރުފުޅާއެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ ހަރުފަތްތަކަކަށް އަދި އާ އުދަރެހަކަށް ވާސިލްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

މިއަދު ރައީސްގެ އަރިހުގައި އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން، "އަވަސް" ނޫހަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި މުޅިންއާ ބާބެއް އުފެދިގެން ދާނެކަމަށެވެ. އެގޮތުން ވިޔަފާރިޔާއި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށާއި، އެގޮތުން ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ބަޖެޓް ސަޕޯޓަށް ވީހާ ވެސް ކުޑަ އިންޓަރެސްޓް ރޭޓްގައި މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އިތުރަށް މިނިސްޓަރު ޝާހިދު ވިދާޅުވީ، މިދަތުރުފުޅުގައި އެއްވެސް އަސްކަރީ އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައި ނުވާ ކަމަށެވެ. 

"ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި އަސްކަރިއްޔާއާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ. އަދި އިންޑިއާގެ އަސްކަރިއްޔާއާ އެކު އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާއެއް ވެސް މި ދަތުރުފުޅުގައި ނުކުރައްވާނެ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކުގެ ބަދަލުގައި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖެއިން ފުރުސަތު ދޭން އުޅޭ ކަމަށް ބުނެ އާންމުންގެ މެދުގައި ވާހަކަތައް ފަތުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަޑީގައި ހުންނަވައިގެން ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ގައުމަކާ އަނެއް ގައުމެއް ޖެއްސުމަށް މަސައްކަތް ނުކުރާނެ ކަމަށާއި އިންޑިއާޔާ އެކު ވެސް ގުޅުން ބަދަހި ކުރަނީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ބުރުނާރާނެ ގޮތެއްގެ މަތިން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގެ އެންމެ މުހިންމު ކަމަކަށް ވާނީ، ދިވެހިންނަށް އިންޑިއާއިން ވިސާގެ ލުއިތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމެވެ. އަދި އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރަން އުފެދިގެން ދާނެ އާ ދޮރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގައި އޮންނާނީ، އިންޑިއާއަށް އެކި ބޭނުންތަކުގައި ދާ ދިވެހިންނާއި އެގައުމުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެމީހުންގެ އާއިލާތަކަށް ވިސާގެ ލުއިތަކެއް އިންޑިއާއިން ހަމަޖައްސައިދިނުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *