ރާއްޖޭގެ ތާރީހުގައި ވެސް ހިނގާދިއަ އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރސީގެ ހިޔާނާތް ކަމާއިމެދު ދެބަސްވާނޭ އެއްވެސް ފަރާތެއް ނުވާނޭކަން ކަށަވަރެވެ. 1.22 ބިލިއަން ރުފިޔާގެ މި ބޮޑު ހިޔާނާތުގައި ދިވެހި ދައުލަތް ހަފުސް ކޮށްލިއެވެ. ދިވެހި ބައިތުލްމާލް ކަޅާކޮށްލިއެވެ. ދިވެހިން ބަރަހަނާ ކޮށްލިއެވެ.

ކަން ހިނގަމުން، ބަޔަކު ހިންގަމުންގޮސް މިކަމެއް ފަޅާއަރަން ދިމާވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހުގައެވެ. އޭރުގެ ނައިބު ރައީސް އަހްމަދު އަދީބް ހައްޔަރު ކުރެވުމާއި ހަމައިންނެވެ. އޭރުގެ ރައީސް، ރައީސް ޔާމީނުގެ އެންގެވުމަކަށް އެކުލަވާލެވުނު އެމްއެމްޕީއާރސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ވާގޮތުން، 2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރގެ ނިޔަލަށް އެމްއެމްޕީއާރސީ އަށް ލިބިފައިވާ ފައިސާގެ ތެރެއިން 79.37 މިލިއަން ޑޮލަރު(1.22 ބިލިއަން ރުފިޔާ) ވަނީ ގެއްލިފައެވެ.

ޓޫރިސްޓް ރިސޯޓާއި ހޮޓާ އަދި ޔޮޓްމެރީނާ ފަދަ ތަންތަން ތަރައްގީ ކުރުމަށް، ރަށްރަށާއި ފަަޅު އަދި ބިންތައް ކުއްޔަށްދޭނެ ފަރާތްތައް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅައި އެތަންތަން ކުއްޔަށްދިނުމަށް އޭރުގެ މިނިސްޓަރ އޮފް ޓޫރިޒަމް އަހްމަދު އަދީބް ސޮއި ކުރައްވައި އެކިފަރާތްތަކަށް ސިޓީ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނުގެ ފަސްވަނަ މާއްދާގައި ވާގޮތަށް ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން ނޫންކަމަށް އެ އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ކަންކަން ކުރެވެމުން، ކުރަމުން ދިއަގޮތުގެ ސަބަބުން ލިބުނު ގެއްލުމެއް ލިބިގެން ދިއައީ ވަކި ފަރުދެއް އިސްތިސްނާ ނުވެ، ދިވެހި އެންމެހާ ރައްޔިތުންނަށެވެ. ކަން ހިނގިގޮތަކަށް ހިނގާގޮސް، ތަހުގީގު ކުރެވުނު ގޮތަކަށް ތަހްގީގު ކުރެވި، ޝަރީއަތް ކުރެވި، ބަޔަކުމީހުންނަށް ހުކުމްތައް ކުރެވި ނިމި ހިނގައްޖެއެވެ. އާޙިރުގައި ރައީސް ޔާމީނު މިހުރިހާ ކަމެއްގެ ޒިންމާ އެޅުއްވީ ނައިބު ރައީސް އަހްމަދު އަދީބުގެ އިސްތަށިފުޅުގައެވެ. އަދީބު މިކަންކަން އަޅުއްވަނީ ރައީސް ޔާމީނުގެ އިސްތަށިފުޅުގައެވެ.

އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފޫޅު ކަނޑަމުން ގެންދެވިއަސް ޔަގީންވާ ކަމަކީ މި ހިޔާނާތުގައި މި ދެބޭޅުންގެ ބައިވެރިވުމާއި، އިހުމާލު ނުހަނު ބޮޑަށް އޮތްކަމެވެ. އަދީބަކީ، ރައީސް ޔާމީނު 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. މިކަމެއް ހިންގިއިރު އެމްއެމްޕީއާރސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އަދީބުގެ ނުހަނު ގާތް ބޭފުޅެކެވެ. އަދި މި ހިޔާނާތުގެ ފައިސާގެ ބޮޑުބައި ވަދެފައިވަނީ އަދީބުގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކުގެ އެކައުންޓް ތަކަށެވެ.

ކަމުގެ ބޮޑުމިނާއި ޒާތަށް ބަލާނަމަ، ވަރަށް ކުރު މުއްދަތެއް ޖަލުގައި ހޭދަކުރެއްވުމަށްފަހު މިހާރު އަހުމަދު އަދީބު އެހުންނެވީ ގޭގައެވެ. މި ހިޔާނާތުގެ ޒިންމާ އުފުއްލަވަން ޖެހޭނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާއްވާ އަނެއްބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. އެމަނިކުފާނު އަދިވެސް އެހުންނެވީ އެންމެ "ޗާރާ" "އާރޯ"ކަން މަތީގައި، ލާޖައްސަވައިގެން ހޯއްދެވި 'ބީޗްފުރަންޓް' ގަނޑުވަރުގައެވެ.

އަހްމަދު އަދީބު ގެއަށް ބަދަލުކުރެވުނީ ބަލި ހާލަތު ގޯސްވެ، "އަދުތޯމާދަން" ވުމުން ކަމަށް އަޑުއަރާފައި ވަނިކޮށް، ފުރަތަމަވެސް ކުރެއްވި ކަމަކީ، އައިވީ ގުޅުމަށް ހޮސްޕިޓަލުން ޖެއްސެވި "ބަޓަރފްލައި"ވެސް ނައްޓާނުލައްވައި ކޯޓްފަޓުލޫނު ތުރުކުރައްވައިގެން އަލަށް އުފެދުނު، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ޕާޓީއަށް ސޮއި ކުރެއްވުމެވެ. ހަބަރުތައް ބުނާގޮތުން މިޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީވެސް އަހްމަދު އަދީބް އެވެ. އަދީބް އާއިއެކު ޕާޓީއަށް ދިރުންއައިސް ހިނގާން ފަށައިފިއެވެ. އަދީބުގެ ގާތް ރަހުމަތްތެރިންނާއި އަދި އަދީބުގެ ފަރާތުން އެހީތެރިކަން ލިބެމުންއައި އެތައްބަޔަކު މިޕާޓީއާއި ގުޅޭން ފަށައިފިއެވެ.

ކަންކަން ހިނގިގޮތާއި، ހިނގަމުން ދާގޮތުން ޖަވާބު ނުލިބޭ އެތައް ސުވާލު ތަކެއް ރައްޔިތުންގެ ހިތްތަކުގައި ފޮރުވިފައިވެއެވެ. އެމްއެމްޕީއާރސީގެ ހިޔާނާތަކީ ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނޭ ކަމެއްނޫނެވެ. މި ހިޔާނާތުގެ ފައިސާއިން ކިތަންމެ ވިދުންގަދަ، ބެބުޅުންހުރި ޕާޓީއެއް އުފެދުނަސް މެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.