ރައީސް ޔާމީން މިއަދު 14:00އަށް ފުލުސް އޮފީހަށް ހާޒިރު ވާއިރު ސަޕޯޓަރުންނާއި އެކު ހިންގަވާފައި ވަޑައިގަތުމަކީ ކުށެއްކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޤާނޫނާއި ހިލާފު މާލީ މުއާމަލާތްތަކެއް ހިންގެވި މައްސަލައެއްގެ ތަހުގީގަށް ކުރީގެ ރައީސް އާމީން މިއަދު ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ސަޕޯޓަރުންނާއި އެކު ހިންގަވާފައި ކަމަށް ޕީޕީއެމުން ބުނެފައި ވަނިކޮށެވެ.
މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއްވެއުޅުމުގެ ޤާނޫނަށް ރައީސް ޔާމީން ގެންނެވި އިސްލާހާއި ގުޅިގެން، ތިޔަ ކުރައްވަން އުޅުއްވަނީ ޤާނޫނީ ކުށެއް ކަމަށެވެ. އަދި މަހްލޫފްވެސް ހިމެނޭގޮތުން އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން ޖަލަށް ލެވުނު ކަމަށާއި، އަދި އެޤާނޫނު ކުރިން އޮތްގޮތަށް އިސްލާހު ކުރުމަށް މިސަރުކާރަށް އަދި ވަގުތު ނުލިބޭ ކަމުގައެވެ.
ރައީސް ޔާމީން މިަދު ފުލުސް އޮފީހަށް ހާޒިރު ކުރެވޭއިރު، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަނީ އެގަޑިއަށް ފުލުސް އޮފީސް ކައިރިއަށް އެއްވުމަށް ތައްޔާރުވަމުންނެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މިކަމަށް ތާއީދު ހޯދެވުމަށް މީސްމީޑިއާ ގައި ކެމްޕެއިން ކުރަމުންނެވެ.