ރައީސް ޔާމިންގެ ބޭންކު އެކައުންޓްތަށް ފްރީޒް ކުރި އިރުވެސް އިސްލާމިކް ބޭންކް އެކައުންޓްގައި އެކަނިވެސް 96 މިލިއަން ރުފިޔާ ހުރިކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. 

މުސްތަފާ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމިންގެ ބޭންކު އެކައުންޓްތަށް ފްރީޒް ކުރި އިރުވެސް އިސްލާމިކް ބޭންކް އެކައުންޓްގައި އެކަނިވެސް 96 މިލިއަން ރުފިޔާ ހުރިކަމަށެވެ. އަދި އެ ފައިސާ އެއީ ކޮން ގޮތަކުން ލިބުނު ފައިސާއެއްތޯ ވެސް މުސްތަފާ ވަނީ ސުވާލު އުފައްދާފައެވެ. 

މިފަދައިން މުސްތަފާ ވިދާޅުވެފައި ވާއިރު، ރައީސް ޔާމިންގެ ބޭންކް އެކައުންޓްތަށް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބޭންކްތަކަށް އަމުރު ކޮށްފައެވެ. އަދި މި އަމުރު ބޭންކު ތަކުން ވަނީ ތަންފީޒްވެސް ކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންއަށް ފާޑު ވިދާޅުވަމުން މުސްތަފާ އިތުރަށް ވިދާޅުވީ، ކުރީގެ ރައީސްއެއް ކަމަކު ވަގެއް ވާނީ ވަގަކަށް ކަމަށެވެ. އަދި ތިމަރަފުށީ މުސްތަފާގެ ނޭވާ ހާސް ކޮށްލުމަށްފަހު މަރާލަންވީ ކަމަށް ރައީސް ޔާމިން ވިދާޅުވި ކަމަށާއި ނަމަވެސް އެކަން އެހެން ނުވީ، ﷲ ސުބްހާނަހޫ ވަތައާލާ އެގޮތަށް އެކަން މިންވަރު ނުކުރެއްވުމުން ކަމަށްވެސް ވިދާޅުވިއެވެ. 

މުސްތަފާގެ މިފަދައިން ކުރީގެ ރައީސް ޔާމިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެފައި ވާއިރު، މިއަދު 14.00 ގައި ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރަން ވަނީ ހަމަޖެހިފައެވެ. ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް އެކިފަހަރުމަތިން ގިނައަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށް މައުލޫމާތު ލިބެއެވެ. 

އަދި އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ރައީސް ޔާމީންގެ މައްޗައް ވަނީ އެތަށް ތުހުމަތުތަކެއް ކޮށްފައެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ތަހުގީގުކޮށް އެފައިސާ އަންބުރާ އެންޓި ކޮރޮޕްޝަން ކޮމިޝަންއަށް ދައްކާފައި ވާ ކަމަށްވެސް ވަނީ އަޑުތަށް ފެތުރިފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއްވެސް ކުރީގެ ރައީސް ޔާމިނަށާއި އަދީބުގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *