ކައިވެންޏެއްގެ އެންމެބޮޑު އެއް އަމާޒަކީ ހެޔޮލަފާ ސާލިހު ދަރިފަސްކޮޅެއް އުފަން ކުރުވުމެވެ. ދުނިޔެ އާރާސްތު ކުރުމާއި އާހިރަތް ބާއްޖަވެރި ކުރުމަކީ އިންސީން ދުނިޔެއަށް ފޮނުއްވެވުމުގެ މަތިވެރި މާތް މަގްސަދެވެ. ﷲ ސުބްހާނަހޫ ވަތައާލާ އިންސާނުން އުޅެންވީ އެންމެ ރިވެތި އުސޫލު އަންގަވާ ދެއްވާފައިވާއިރު ހަރާމާއި ހަލާލު ވަނީ ބަޔާންކޮށް ދެއްވަވާފައެވެ. މިގޮތުން ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިގެންނުވާ އެއްކަމަކީ ވަރިއެވެ.
މި ކުޑަކުޑަ މުޖުތަމައުގައި ވަރި މިވަނީ ކުޅޭ ކުރިވަރަކަށްވެފައެެވެ. މިއީ ހިތާމަ ހުރިކަމެވެ. ދުނިޔޭގެ ނިސްބަތުން މިގައުމަކީ އެންމެ ވަރި ގިނަ އެއްގައުމުގެ ގޮތުގައި ފާހަގަކޮށްލެވުމަކީ ނިހާޔަތަށް ލަދުވެތިވާންޖެހޭ ކަމެކެވެ. ތާކުންތާކު ނުޖެހޭ ކުދިކުދި ކަންކަމުގައިވެސް ވަރީގެ ލަފްޒު ދުލުކުރިއަށް ގެނެސްގަތުންމިއީ ފެންނަމުންދާ ހަގީގަތެވެ.
ވަރިކުރުން 3 ފަހަރުވާއިރު 3 ފަށްކުރުމަށްފަހު އަލުން 3 ފަށްވީ އަންހެނާއާއި ކައިވެނި ކުރަން ބޭނުންވެ 3 ފަށްކެނޑުމަކީ މަދުން ނަމަވެސް ފެންނަމުންދާކަމެކެވެ. ކައިވެންޏެއްގައި ދެމިހުރުމަށް ގަސްތުކޮށްގެން މެނުވީ ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫންކަން އެނގޭ ހާލުގައި ސިއްރުން ނަމަވެސް މިކަމަކީ މިމުޖުތަމައުގައި ކުރަމުންދާ ކަމެކެވެ. މިކަމުގައި ބޮޑަށް ސިއްރު ކުރަނީ ފަށްކަނޑަން ނަމެއްގައި ނަމަވެސް އިނދެވޭ ފިރިހެނަކީ ކާކުކަމެވެ. ފަށްކެނޑުމުގައި ޝަރުތުތަކެއްވާކަހަލައެވެ.
ވަކި ވަގުތެއްގެ ތެރޭގައި ވަރިކުރުމަކީ އެއް ޝަރުތު ކަމުގައިވެ، 3 ފަށް ކެނޑިކަމަށް ނުވަތަ ދަންނަކަމަށްވެސް ނެހެދުމަކީ މިކަންކުރުމުގައި ވަރަށްވެސް ހެއްވާކަމެއްގެ ގޮތުގައި ފާހަގަ ކޮށްލުން މުހިންމު ކަމެކެވެ.
3 ފަށް ކަނޑައިދޭ މީހާއަށް ބޮޑު އަގުން ނަގުދު ފައިސާ ނުވަތަ މުދާދިނުމަކީ މިކަމުގައި ކޮށްފައިވާ ކަންކަމެވެ.
ކައިވެނި ކޮށްދޭ ގާޒީއަށް ކައިވެނީގެ މަގްސަދު އޮޅުވާލެވި ދާނެއެވެ. 3 ފަށްކެނޑީ ކާކުއާއި އިނދެގެންކަންވެސް ސިއްރު ކުރެވިދާނެއެވެ. ނަމަވެސް ކުރާ ކައިވެނީގެ މަގްސަދަކީ ކޮބައިކަން ﷲ ސުބްހަނަހޫ ވަތައާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.