އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވަނީ ޔާމީންގެ ސަރުކާރުން މާލީ ކަންކަން ވަރަށް ދަށު ދަރަޖަ އަކަށް ގެންގޮސްފައިވާތީ ކަމަށާއި، މުޅި ގައުމު ދަރައިވިކިފައިވާތީ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އަދި ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ވެސް ޚަޒާނާގައި ނެތް ކަމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް މާދަމާ ފައްޓަވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން، "މިހާރު ނޫހަށް" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ބަޖެޓަށް ގާތްގަނޑަކަށް އިތުރު 200 މިލިއަން ޑޮލަރު ލިބިގެން ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށާއި، އިންޑިއާއިން 200 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން ފިލުވުމަށްޓަކައި އިންޑިއާ ސަރުކާރުގައި އެދިލައްވާފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން ރަނގަޅު މިންވަރެއް ލިބިލައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ބަޖެޓްގެ ދަތިކަމުން އަރައިގަތުމަށް ރާއްޖެއާ ރަހުމަތްތެރި އެހެން ގައުމުތައް ކަމަށްވާ ޔޫއޭއީ އާއި ސައޫދީއަރަބިއްޔާއިން ވެސް މިހާރު އެ މަސައްކަތް ކުރައްވާ ކަމަށްވެސް، "މިހާރު ނޫހަށް" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވިއެވެ. އަދި އެގޮތުން ލިބޭ ހިލޭއެހީ މިމަހު ނުވަތަ އަންނަ މަހު ލިބޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކި ތަންތަނުން ލޯނުތައް ނަގާފައި ވަނީ ބޮޑު އިންޓަރެސްޓް ރޭޓެއްގައި ކަމަށާއި ނަމަވެސް އިންޑިއާއިން ރާއްޖެއަށް ލޯނުތައް ދޭނީ ވަރަށް ރަނގަޅު އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ.