ރައީސް ޔާމީނުގެ ވެރިކަމަކީ ގިނަ އަދަދަކަށް ސިޔާސީ ބޭބޭފުޅުން ހައްޔަރު ކުރެވުނު ވެރިކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހައްޔަރު ކުރެވުނު ބޭބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ އާއިލާ އާއި، ގާތް ރަހުމަތްތެރިންވެސް ގިނަ އަދަދަކަށް ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް އެޅިގެންދިޔަ އެންމެ ބޮޑު ހިޔަންޏެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި 'ހަވާ ފަޓާސް' ބަރި ބަރިހެން ހުކުމްތައް ކުރެވި ޖަލައްލެވުނު ފަރާތްތައް، އެމަނިކުފާނުގެ ވެރިކަން ނިމުމާއި އެކުހެން، ހަމަ އެބާރުމިނުގައި، ހަމަ އެކޯޓުތަކުން މިއޮއްގެން މިނިވަން ކުރަނީއެވެ. 

ޖަލުތަކުގައި މިބޭބޭފުޅުން ހޭދަކުރެއްވެވި ދަވަސްތަކުގެ އަނިޔާ އާއި، ޖަލުގެ އުނދަގޫ ދިރިއުޅުއްވުމުގެ ވާހަކައަކީ މިބޭބޭފުޅުންނާއި މިބޭބޭފުޅުންގެ ވާގިވެރިން ރައްޔިތުންގެ ޖަޒުބާތު ތަކާއި ކުޅެލުމަށް ބޭނުންކުރެއްވި އެންމެބޮޑު ވަސީލަތެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގައެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރ އަހުމަދު ނާޒިމް ގެ މައްޗަށް ކުރެވިފައިވާ 25 އަހަރު ދުވަހުގެ ޖަލުހުކުމް ވެސް ބާތިލް ކުރެވިގެން ދިޔައީ ދާދި މިދާކަށްދަވަހުއެވެ. ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރެއްވުމާއިއެކު މީސް މީޑިއާއަށް ދޫކޮއްލި ޝުކުރުގެ ޓްވީޓް ގައި ބޭނުންކުރެއްވި ފޮޓޯ ވެގެންދިޔައީ އާމުންގެ ގިނަބަޔަކަށް މިބޭބޭފުޅުން ޖަލުގައި ހޭދަކުރެއްވެވި އަނިޔާވެރި ދުވަސްތަށް ވަޒަން ކޮށްލަން ލިބުނު ފޮޓޯއަކަށެވެ. ފޮޓޯގައި ފެންނަނީ އަހުމަދު ނާޒިމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި، ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހިމް ކަލޭފާނު އާއި މިހާރުގެ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ އެވެ. މި ފޮޓޯ އަކީ މިބޭބޭފުޅުން ޖަލުގައި ތިއްބަވާ ނަންގަވާފައިވާ ފޮޓޯއެއް ކަމަށް އަހްމަދު ނާޒިމް ވިދާޅުވެފައި ވެއެވެ.

ފޮޓޯއިން ފެންނަ މަންޒަރުން ޖަލަކަށްވުރެ ބޮޑަށް ސިފަވެގެންދަނީ އެޕާޓްމަންޓެއްގެ މަންޒަރަކާއެވެ. މިބޭފުޅުން ނިދިކުރެއްވުމަށް ބެނުން ކުުރައްވި އެނދު ތަކަކީވެސް އެންމެ ފެންވަރު ރަނގަޅު އެނދު ތަކެއްކަން ފާހަގަ ކުރެވެއެވެ. އަދި އިސްތިރި ފަދަ، އާންމު ދިރިއުޅުމުގައި ބޭނުންކުރައްވާ ބައެއްތަކެތި ވެސް މިފޮޓޯގައި ފެނެއެވެ. އަދި މިފޮޓޯ ނާޒިމް އަށް ނެންގެވޭނީ ކެމެރާއެއް، ނުވަތަ ކެމެރާހުރި ފޯނު ފަދަ ތަކެތިވެސް މިބޭބޭފުޅުން ޖަލުގައި ގެންގުޅުއްވާފައި ވާތީތާއެވެ.

ކޮންމެއަކަސް މިއީ ވަރަށް ތަފާތު ފޮޓޯއެކެވެ. ޖަލުގައިވެސް މޮޅުމީހާއަށް މޮޅުގޮތެވެ. ދެރަމީހާއަށް ދެރަގޮތެވެ. ދެރަމީހާ ޖަލުގައި ނިދާން ޖެހެނީ ސިމެންތި އައްޓެއް ނުވަތަ ކުނަލެއް މަތީގައެވެ. މޮޅުމީހާއަށް އެންމެފަހުގެ ޑަބަލްބެޑެކެވެ. ދެރަމީހާ ކުޑަގޮޅީގައި އޮންނައިރު މޮޅުމީހާއަށް މިލިބެނީ ފަސްތަރީގެ އެޕާޓްމަންޓެކެވެ. ވެރިކަން ބަދަލު ވުމާއިއެކު މޮޅުމީހާ މިނިވަންވެ ބޮޑެތި މަގާމުތައް ލިބިގެންދާއިރު ދެރަމީހުން ތިބީ އަދިވެސް ޖަލުގައެވެ. މޮޅުމީހުން ގެންދެވެނީ ޖަލަކަށް ނޫނެވެ. 'މަޖަލަކަށެވެ'.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *