ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އާއިއެކު ޕީޕީއެމުން ކުރިއަށް ގެންދަންފެށި ސިލްސިލާ މުޒާހަރާތައް މެދުކަނޑާލިތާ ކުޑަދުވަސްކޮޅެއް ފަހުން، މިރޭ އަނެއްކާވެސް މަދު އަދަދެއްގެ ސަޕޯޓަރުންނާއި އެކު ޕީޕީއެމް އިން މަގުމައްޗައް ނިކުމެއްޖެއެވެ.

މި މުޒާހަރާ އަކީ، ރިޔާސި އިންތިހާބުގެ ދުވަސްވަރު ހިންގެވި ޤާނޫނާއި ހިލާފު މާލީ މުއާމަލާތްތަކެއް ތަހުގީގް ކުރެއްވުމަށް މާދަމާ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމައް އަންގާފައި ވާތީވެ އެކަމާއި ދެކޮޅުހެދުމުގެ ގޮތުން އިންތިޒާމުކުރި މުޒާހަރާއެއް ކަމަށް ހަބަރު ލިބެއެވެ.

އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކުރިއަށްދާ މިމުޒާހަރާގައި އިސްކޮށް ހުންނެވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނު ކަމުގައި ހުންނެވި އިބްރާހިމް މުއާޒް އަލީއެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ޕީޕީއެމުން ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާ ތަކުގައި ވެސް އެންމެ އިސްކޮށް ހުންނެވީ އިބްރާހިމް މުއާޒް އަލީއެވެ.

މިމުޒާހަރާގައި ޕީޕީއެމް އާއި ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ލީޑަރ މުހައްމަދު ނަޝީދު(ކާނަލް) ވެސް ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވައެވެ. މުޒާހަރާގެ ބައިވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް ޔާމީން 'ގަން' ހިންގުވާތަން ބަލަން ރައްޔިތުން ބޭނުންނުވާ ކަމަށާއި، ޔާމީނުގެ ފަހަތްޕުޅުން ހުރިހާ ރައްޔިތުންވެސް މާދަމާ ފުލުސް އޮފީހަށް ދާނެކަމުގައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މިރޭ މިފެށި ސިޔާސީ މަސައްކަތް ނިންމާނީ އަންނަ މާރޗުމަހު ބާއްވާ މަޖިލިސް އިންތިހާބު ޕީޕީއެމް އަށް ކާމިޔާބު ކޮށްދީ ރައީސް ޔާމީން އަނެއްކާވެސް ރާއްޖޭގެ ވެރިކަމަށް ގެނެސްފައި ކަމަށެވެ.

މިމުޒާހަރާގެ ބައިވެރިވާ މީހުން ދަނީ ރައީސް ޞާލިހް އަށާއި، މި ސަރުކާރުގެ ގިނަ ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.