ކްރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބޭންކް އެކައުންޓުތަށް ފްރީޒް ކުރުމަށް އަމުރެއް ނެރެފިއެވެ. އެގޮތުން އަމުރު ނެރެފައިވަނީ ރައީސް ޔާމީންގެ ބީއެމްއެލް އަދި އިސްލާމިކް ބޭންކް އެކައުންޓުތައް ފްރީޒް ކުރުމަށެވެ.
އެފަދަ އަމުރެއް އެކޯޓުން ނެރެފައިވަނީ ފުލުހުންގެ ފަރާތުން އެކޯޓުގައި އެފަދަ އަމުރެއް ނެރެދެއްވުމަށް އެދުމުން ކަމަށް އިތުބާރުހުރި ފަރާތަކުން 'ޖަޒީރާ' ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ އަމުރާއި ގުޅިގެން ރައީސް ޔާމީންގެ ބީއެމްއެލް އަދި އިސްލާމިކް ބޭންކް އެކައުންޓުތައް ފްރީޒް ކޮށްފައިވާ ކަމަށްވެސް މައުލޫމަތު ލިބިފައިވެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ފަރާތުންވެސް އަދި ކްރިމިނަލްކޯޓުން ވެސް ރަސްމީކޮށް ވަކިއެއްޗެށް ވިދާޅުވެފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވާއިރު، ޤާނޫނާއި ހިލާފު މާލީ މުއާމަލާތް ތަކެއް ހިންގެވި މައްސަލައެއްގެ ތަހުގީގަށް ފުލުސް އޮފީހަށް ހަޒިރުވުމަށް ރައީސް ޔާމީނަށް ވަނީ ޗިޓް ފޮނުވާފައެވެ. ފުލުހަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އަންގާފައިވަނީ މާދަމާގެ މެންދުރުފަހު 14:00 އަށެވެ.