ހދ. ހަނިމާދޫގައި މިހާރު ކުރިޔަށްދާ ސާއްބަ އެނިވާސަރީ ކަޕްގެ ދެވަނަ މެޗު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފިއެވެ.
ޔޫތު ފްރެންޑްސް މެޗް ކާމިޔާބުކުރީ ޝީލްޑާ ވާދަކޮށް 3 ލަނޑު 2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް މުޅި މެޗުގައިވެސް ފެނިގެންދިޔަ މިމެޗުގައި ޔޫތު ފްރެންޑްސް 3 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ޝަރީފެވެ. އަނެއް ލަނޑު ޖަހައިދިނީ މުހައްމަދު މަފާޒެވެ. ޝީލްޑްގެ ލަނޑުތައް ޖަހައިދިނީ އާސިފް ސަލީމާއި އާލިފް އިބުރާހިމެވެ.
ޔޫތު ފްރެންޑްސްގެ ފެށުން ރަނގަޅުކުރިއިރު، އެޓީމަކީ ހަނިމާދޫގެ އެންމެ ކާމިޔާބު ޓީމެވެ. 5 އަހަރު މިމުބާރާތް ބާއްވާފައިވާއިރު 3 ފަހަރު ތަށި އުފުލާލާފައިވަނީ ޔޫތު ފްރެންސްއިންނެވެ. އަދި ޝީލްޑަކީ ޒުވާން ކުޅުންތެރިންތަކަކާއެކު މުޅިން އަލަށް މިމުބާރާތުގައި ވާދަކުރާ ޓީމެކެވެ. އަދި ޝީލްޑްއިންވަނީ މުބާރާތުގެ ކުރިން ގިނަ ޕްރެކްޓިސް މެޗުތަކެއްވެސް ކުޅެފައެވެ.
ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޔުނިފޯމް އާއި ރޫޚް އެވެ.