ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އާއި މެދު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރެވެމުން ދާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ މިނިސްޓަރ ޝައިނީއަށް ފިޔަވަޅުމަށް ޕީޕީއެމްގެ ތެރޭގައި މާޝްވަރާ ކުރެވެމުންދަނީ ޝައިނީ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ބައްދަލު ކުރެއްްވުމަށްފަހު، ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލާ އޭނާ މަރާލަން އުޅުނު ހާދިސާއާއި ގުޅުންހުރި ކަންކަން ސާފުކުރުމަށް އަދީބުއާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަދީބު ދެއްކެވި ބައެއް ވާހަކަތައް ގަބޫލު ކުރެއްވޭ ކަމަށް ޝައިނީ ވިދާޅުވިއެވެ.
މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވަނީ ޝައިނީ އާއި މެދު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރެވި، އެކަމާ ވިސްނަމުން ދާކަމަށް ވިދާޅުވެފައެވެ. އަދި ވަކި ވަޒީރެއްގެ ނަން ފާހަގަނުކޮށް، މީޑިއާތަކަށް ވަޒީރަކު އަރުއްވައިގެން ޕީޕީއެމް އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަވަމުން ގެންދަވާތީވެ އެކަމަށްވެސް އަބްދުއްރަހީމް ފާޑުވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެބޭފުޅަކު އެގޮތަށް ވާހަކަ ނުދައްކަވާ މިހާރު ހުންނެވި ކޮޅެއް ރީއްޗަށް ސާފުކޮށްދިނުން މާރަނގަޅު ވާނެކަމުގައެވެ.
އަބްދުއްރަހީމް ޝައިނީއާއި ބެހޭގޮތުން އެގޮތަށް ވިދާޅުވެފައި ވާއިރު، 'އަވަސް' ނޫހުން ގެނެސްދޭ އަވަސް ހުކުރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވަނީ ޕީޕީއެމް އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން، ކުރީގެ ރައީސް ޔާމީނު ފިޔަވައި ދެންތިއްބެވި ބޭފުޅުން އެމަނިކުފާނާއި ދެކޮޅު ކަމަށްވެސް ކުރީގެ މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.