އައު ސަރުކާރެއް ގެނައުމަށް އަރުވައިޖަހާފައި އެކިމީހުން ހޭބޯނާރައި އުޅުނީ އެކިއެކި މުހުތާދުތައް ފުއްދުމުގެ ބޭނުމުގައި ކަމީ އެންމެން ދަންނަ ބޮޑު ޙަޤީޤަތެކެވެ. ސިޔާސީ ބަންދުންވީއްލުމުގެ ބޭނުމުގައެވެ. ކުރީގެ ރައީސް ޔާމީނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށެވެ. ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައިވާ ދިވެހި ވެށި ސަލާމަތް ކުރުމަށެވެ. ބޯހިޔާވަހިކަން ހަމަހަމަ އުސޫލުން ނުލިބޭތީ އެކަން ރަނގަޅު ކުރުމަށެވެ. މިހެން ގޮސް އެތައް އެތައް މުހުތާދުތަކެއް ފުއްދުުމުގެ ބޭނުުމުގައެވެ.
ދަންނަވައިލެވުނު ލިސްޓަށް އިތުރުކޮށްލެވޭ އެހެން ކަމެކެވެ. މާލޭގެ ރަންބިމުގެ ބޮޑުކުލީގެ ވާހަކައެވެ. ގެދޮރު ކުއްޔަށްދޭ މީހުން އެތިބަގެން ކިޔައިލާ ބޮޑު ކުލީގެ ވާހަކައެވެ.
10 ފޫޓު ހަތް ފޫޓު ގޮޅިއެއްގެ ތެރޭގައި ޑަބަލް ބެޑެއް ބަހައްޓާފައި ހުރިއިރު، ފޮށްޓެއް ބަހައްޓައިލާނެ ޖާގައެއް ނެތެވެ. ފާހާނާ ފްލަޝްކުރަން ފިތްތާލާ ގޮބު ހަލާކުވެފައިވާތީ ސޯޓެއްގެ ނާޑުވައެއްގެ އެހީގައި ފްލަޝްކުރެވޭގޮތް ހަދާފައި ހުއްޓެވެ. ފާހާނާ ތެރެއިން ދުވާ ނުބައިވަހަށް ވުރެން ކޮޓަރިތެރެއިން ދުވާ ވަސް ވަކިން ކުޑައެއް ނޫނެވެ. ފަންކާ ޖަހައިލުމުން ހީވީ ހެލިކޮޕްޓަރެއްގެ ފިޔަގަނޑު އެނބުރެން ފެށުމުން އިވެންފަށާ އަޑުފަށްގަނޑު އިވެންފެށިހެންނެވެ. މިއީ އަޅުގަނޑު ކުއްޔަށްނެގި ކޮޓަރިއެއްގެ ހާލަތު ހުރިގޮތެވެ. ކޮޓަރީގެ ފެންވަރު މިހައި މަތިކޮށް ހުރިއިރު އަގުވެސް އެހާމެ މައްޗެވެ. ދުވަހު ކުއްޔަށް 550 ރުފިޔާ އެވެ. ދެމީހުންނަށްވުރެން އިތުރަށް މީހުން ތިބޭތީ އިތުރުވި ކޮންމެ ބޮލަކަށް 100 ރުފިޔާ ޗާޖުކުރިއެވެ.
ކޮންމެއަކަސް 750 ވަރަކަށް ރުފިޔާ ޗާޖުކުރި ކޮޓަރީގައި ހުރި އެނދުގައި އޮތީ އެންމެ ދެ ބާލީހެވެ. ގައިމަތީގައި އަޅައިލާނެ ފަލަނގުފޭއްޔެއްހައި ހިސާބުވެސް ނެތެވެ. ނަމަވެސް އަގު މި ކިޔަނީ ބޭރު ގައުމުތަކުގައި ތިންތަރީގެ ހޮޓާ ތަކުން ނަގާ ވަރުގެ ބޮޑު ކުއްޔެކެވެ. އަހަރުގެ ބޮޑު ޗުއްޓީ އައުމާއެކު ކޮޓަރި ކުލީގެ ބޮޑު ކުލިވެސް ބޮޑުތަނުން ބޮޑުވެގެން ދެއެވެ. ކަން މިހެން އޮތްއިރު، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ގައުމުގައި ތިއްބެވި އެންމެހައި ބޮޑުން އެކައްޗެއް ވިދާޅުވެ އުފެއްދެވި ބޮޑު ކޯލިޝަން ސަރުކާރަށް މަހެއްވެގެން ދާއިރު ބޮޑު ކުއްޔަށް ބޮޑުންގެ ބޮޑުލޮލުން ބަލައިލަން އަދިވެސް ނުވޭތޯ އެވެ؟ މާލޭގެ ގެދޮރުވެރި ބޮޑުން، އަތޮޅުތެރޭގެ ނިކަމެތިން ބޮޑުތަނުން ފެލައިލާތަން ބައްލަވަން އަދިވެސް ހަމަ މަޑުކުރައްވަނީތޯ އެވެ؟
ގެދޮރު ކުއްޔަށް ދިނުމާއިބެހޭ ހަރުދަނާ އުސޫލުތަކެއް ޤަވާޢިދެއް ނުވަތަ ޤާނޫނެއްގެ ސިފައިގައި ގެނެސްދެއްވަންވީ ވަގުތު އަދިވެސް ނުޖެހެނީތޯ އެވެ؟ ރައްޔިތުންނަށް އެންމެ ބޮޑަށް ހެޔޮއެދިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މިކަމާމެދު ފިކުރު ހިންގައިލެއްވުން ކީއްތޯ އެވެ؟