ކޮރަޕްޝަނުގެ ތެރެއިން ރައީސް ޔާމީނާއި ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން ހޯއްދެވި މުއްސަނދިކަމާއި އާރާއިބާރު ޤާނޫނު އަރައި ހަމަ ކުރާނެކަމަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމާ ގުޅޭ ޚަބަރުގެ ލިންކެއް ފޭސްބުކްގައި ހިއްސާކުރަމުން ޖަމީލް ވިދާޅުވެފައިވަނީ، ރައީސް ޔާމީނާއި ޕީޕީއެމްގެ އިސްވެރިން ހޯދި މުއްސަނދިކަމަކީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔަ ކޮރަޕްޝަންގެ އަމަލުތަކުން ހޯއްދެވި މުއްސަނދިކަމެއްކަމަށާއި، އެކަންކަމާ ގާނޫނު އަރައި ހަމަކުރާނެކަމަށެވެ. އަދި ކޮރަޕްޝަނާ ގުޅޭ ކަންކަމުގައި އެފަރާތްތަކުން ދައްކަވާ ވާހަކަތައް މިކަމަށް ފުދޭކަމަށްވެސް ލިޔެފައިވެއެވެ. އަދި އެކައުންޓްތައް ފްރީޒްކުރުމަކީ މިކަން ހިނގާފައިވާ ކަމެއްކަމަށް ބެލެވިދާނެ ހެއްކެއްކަމަށާއި މިކަމުގެ ފުނަށް ނުދެވެނީސް ތަހުގީގު ހުއްޓާލައިގެން ނުވާނޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޖަމީލް މިހެން ވިދާޅުވިއިރު، ރޭގެ ވަގުތެއްގައިވަނީ ފުލުސް އޮފީހަށް ހާޒިރުވުމަށް ރައީސް ޔާމިނަށް ޗިޓް ފޮނުވާފައެވެ. އަދި ފަހުންވަނީ ރައީސް ޔާމީންގެ އެކައުންޓްތައްވެސް ފްރީޒްކޮށްފައެވެ. އިންތިހާބުގެ ދުވަސްވަރު އެންމެ ގަދައަށް ދެކެވުނު ކޮރަޕްޝަންގެ ވާހަކަތަކަށް ރައީސް ޔާމީންވަނީ ދެކޮޅު ހައްދަވާފައެވެ. ދާދިފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ތަހުގީގްތަކަށް އެއްބާރުލުންދޭން ތައްޔާރަށް ހުންނެވިކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ސާބިތުކޮށް ނުދެވޭނޭކަމަށްބުނެ ވަނީ ޗެލެންޖްވެސް ކުރައްވާފައެވެ.