މިދުވަސްވަރަކީ، ގޮނޑި ގޮނޑިއަށް ކުރިމަތިލާ މީހުންނާއި އެބައިމީހުންގެ އާރުކާޓީ މަގުތައް މައްޗަށް ނިކުމެ ހޯބޯ ލަވައިގަންނަ ދުވަސްވަރެވެ. މިދުވަސްވަރަކީ، ދޮންދޫނި ފޯވަހީގައި ރަށަށް އަރައިގެން އަންނަ ލޯފިނދު ބައިގަނޑެއް ފަދައިން، ގޮނޑި ގޮނޑިއަށް ކުރިމަތިލާ މީހުން ރަށްރަށަށް އަރައިގެން އަންނަ ދުވަސްވަރެވެ. މިދުވަސްވަރަކީ، މަޖިލީސް އިންތިހާބު ކައިރިވެފައިވާ ދުވަސްވަރަށް ވުމާއިއެކު، އިހަށް "ކީމަކޮޅު" ގައި ނޫނީ ގެއިންބޭރަށް ނުނިކުމެވިފައި ތިބޭ ކިލެގެ ބޭކަލުންވެސް މިއަދު "ގަންޖަފަރާހުން" ބެގީ ޖަހާލައިގެން މަގުތައް މަތީ އެހުރަގެން ފުމެ ނަގަނީތާއެވެ.
ކުރިމަތިލާ މީހުންނަށް ތިމާއަށް މިކުރިމަތި ލެވެނީ ކޮންކަހަލަ މަސައްކަތެއް ކުރާ، ކޮންތަނަކަށް ކަމެއްވެސް ނޭނގޭ ފަދައެވެ. މަހުޖަނުންނާއި ޤާނޫނީ ވަކީލުންނާއި ހިސާބުން ފެށިގެންގޮސް، ވަޑިންނާއި ތިލޭރުންވެސް ކުރިމަތިލާ ވާހަކަ އެބައަޑު އިވެއެވެ. ކުރިމަތިލާ މީހުން އެކަން އިއުލާނު ކޮށްލާންވެސް ބެނުންކުރަނީ ފޭސްބުކް ފަދަ ވަސީލަތެކެވެ. ދުވަހަކު ގިރުވާނުލީ އެއްޗެއް ބައިމަތިން މެދުހައްޓަށް މަހާނުލާ މީހާވެސް، ކުރިމަތި ލައިގެން އުޅޭއިރު ފެންނަ ފޮޓޯތައް ހާދަހާވާ ޗާލެވެ. ކަރުގައި ބަނދެލާފައި އޮންނަ ޓައީވެސް ހީވަނީ، ކަނޑުއޮޅިއެއްގެ ބޭރުކޮޅުން ބޭނޭ ކަހަލަ ބޮޑު "މާނިޔާމަހެއް" ހެނެވެ.
ގައުމުގެ ކަންކަން ބޮއްސުންލާ، ބައިތުލްމާލު ބަންޑާރަ ކޮށާރުން ނެރެގެން ގެންގޮސް އަމިއްލަ ގޭގެ ބަނޑަހަ ގެއަށް ލެވޭން ދިމާވާ އެންމެ ބޮޑު ސަބަބަކީ ތަންދޮރުނުފިލާ ތިބި މީހުން ގޮނޑި ގޮނޑިއަށް ކުރިމަތިލުމުން، އެކަހަލަ މީހުން އެގޮނޑި ގޮނޑިއަށް އިންތިހާބު ކުރުމެވެ. މިހާރު މިރާއްޖޭގެ ޘަގާފަތަކީ ދެފަހަރަކު ޓީވީން ފެނިލެވޭއިރަށް ދެންއެވީ ކުރިމަތިލާށެވެ. ކުޑަވަރެއްގެ "ފިޔާފާޅި" ގަނޑެއް ހަދައިގެން ވިޔާފާރިއެއް ކޮށްލެވޭއިރަށް ދެންއެވީ ކުރިމަތިލާށެވެ. ކަންމަތީ ގޭންގާއި ބައިވެ ދެމީހަކުގެ ގަޔަށް ވަޅި ހަރާލެވުނީމަ ދެންއެވީ ކުރިމަތިލާށެވެ.
ހިތާމައަކީ، ކުރިމަތިލާން މިއުޅޭތަނަށް ކުރިމަތިލާ މީހުންގެ ހުންނާންޖެހޭ އެކަށީގެންވާ ޝަރުތެއްވެސް ކަނޑައެޅިފައި ނެތްކަމެވެ. އަރަބި،ތާނައިން ލިޔެފައި ހުންނަ ތަކެތި ކިޔާން އެނގިފައި، އެއްކޮށް، ކަނޑާން އެނގެނިކޮށް އެނިމުނީއެވެ. ވާނީވެސް އެހެންތާއެވެ. އެތަނަށް ވަދެތިބި ގިނަ މީހުންނަކީވެސް ހަތަރެއް ގުނަ ފަންސާހަށް، ދެލައްކަ ހަދާމީހުންނެވެ. މިވަރުތާކަށް ކުރިމަތިނުލާ ހުންނާނެކަމެއް ނެތްތާއެވެ. ކުރިމަތި ލާންވީއެވެ. މިފަހަރު އަހަރެންވެސް ކުރިމަތިލަމެވެ.