ދިވެހިންނަކީ އަލަށް ތައާރަފްވާ ކޮންމެކަމެއްވެސް ވަރަށް ފަސޭހައިން ނަކަލުކޮށްލާ ބައެކެވެ. ވައިގައި ހިފާ ކޮންމެ ކަމެއްވެސް އަވަހަށް ކުރާ ބައެކެވެ. އެކަމުގައި ބޭރުގެ ފަރާތްތަކަށް ދޫދިނުމެއްނެތި ކުރިޔަށްދާ ބައެކެވެ. އެގޮތުން މިހާރު ޒުވާނުންގެ ތެރޭގައި ވައިގައި ހިފާފައިވާ އެއްކަމަކީ ޓިކްޓޮކެވެ. މިޔުޒިކަލީގެ ނަމުގައި ފެށި ކުރު ވީޑިއޯއަށް އެކްޓްކުރުމުގެ މިފަންނުގެ އެޕްލިކޭޝަންގެ ނަން ޓިކްޓޮކަށް ބަދަލުވެ ދިވެހި ގިނަ ޒުވާނުންވަނީ މިކަމުގެ މަސްތުގައި ޖެހިފައެވެ. ލަވަޔާއި މިޔުޒިކަށް ފޯރި ހުންނަ ގިނަ ބަޔަކު މިއެޕް ބޭނުންކުރާއިރު، ތަފާތު ލަވަތަކަށާއި މަޖާ ވީޑިއޯތަކަށް އެކްޓްކޮށް މުޅި ދޭހަށް ދޫކޮށްލަނީ އެބައިމީހުންގެ އެކްޓްކުރުމުގެ ހުނަރުތައް ދައްކާލުމަށެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ފަސް ދިވެހި ފަންނާނުން ހޮވައިލާނަމެވެ.
ޝަޒީލާ އިބްރާހިމް
މޭކަޕް ކުރުމަށް ޝައުގު ހުންނަ ޝަޒީލާއަކީ ބޮޑަށް ނުބައިބައި ނުވަތަ ނެގެޓިވް ރޯލްތަކުގެ ވީޑިއޯތައް ކުޅެ ހިއްސާކުރާ ފަރާތެކެވެ. އެގޮތުން ޝަޒީލާގެ އެކްޓިންގ، ކުރީގެ ދިވެހި ފިލްމުތަކުގައި ހަރަކާތްތެރިވި ހާޖަރާ އަދި އާރިފާމެންގެ އެކްޓިންގ އާ ވައްތަރުކަމަށް ބުނެވިދާނެއެވެ. ކޮންމެ ކަހަލަ ވީޑިއޯއަކަސް ތަފާތު މޮޅު ވީޑިއޯއެއް އާންމުންނަށް ދޫކޮށްލާ ޝަޒީލާގެ 132،100 ފޭންސް އެބަ ތިއްބެވެ. މިއީ ޓިކްޓޮކްގެ ދިވެހި ފަންނާނުންގެ ތެރެއިން އެންމެ ސަޕޯޓަރުން ގިނަ ފަންނާނުކަމަށްވެސް ބުނެވިދާނެއެވެ.
ފާތިމަތު ޝާނީ މުހައްމަދު
އަޖައިބެއްކަހަލަ ރީތިކަމެއްގެ ވެރި ޝާނީގެ ފޭނުންގެ ގޮތުގައި 17،800 މީހުން އޭނާގެ ވީޑިއޯތައް ފޮލޯކުރެއެވެ. ކޮންމެ ކަހަލަ ވީޑިއޯއެއްވެސް ކުޅެލަން ފަރިތަ ޝާނީ ބޮޑަށް ފެންނަނީ ރީތި މަޑުމައިތިރި ލަވަތަކަށް އެކްޓްކުރާ މަންޒަރެވެ. އޭގެ އިތުރުން މަޖާ އަދި ތަފާތު ނެށުންތަކުންވެސް ބެލުންތެރިންގެ ހިތްތައްދަނީ ކަތިލަމުންނެވެ. ޝާނީ ވަނީ ދާދިފަހުން އޮންލައިން ނޫހެއްކަމަށްވާ "ދޯ" އިން ހޮވި އެންމެ މޮޅު އަންހެން ޓިކްޓޮކް ފަންނާނަކަށްވެސް ހޮވިފައެވެ. އަދި ޝާނީ އަކީ ދިވެހި ޓިކްޓޮކް ފަންނާނުންގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ފޭނުން ތިބި ފަރާތެވެ.
އަބުދުﷲ ޝަރީފް
13،100 ފޭނުން ފޮލޯ ކުރާ އަބުދުﷲ ޝަރީފަކީ މޮޅު ނެށުންތެރިއެކެވެ. ރޮމޭންޓިކް އެކްޓިންގަށް ކުޅަދާނަ ފަންނާނެކެވެ. ގިނަ އަންހެންކުދިންނެއްގެ ނަޒަރު ހުއްޓިފައިވާ ޝަރީފާއެކު ޓިކްޓޮކް ހަދާ ކުދިން ބައިވަރެވެ. ބޮޑަށް ސީރިއަސް ވީޑިއޯތަކުން ފެނުނު ނަމަވެސް މަޖާ ވީޑިއޯތަކުންވެސް މަދުމަދުން ފެންނަކަން ފާހަގަކޮށްލަން ޖެހެއެވެ.
ހާޒިފް މުހައްމަދު (ހަޒޭ)
މިއީ އާދަޔާ ހިލާފު މަޖާ ފަންނާނެކެވެ. ހަޒޭގެ ކޮންމެ ވީޑިއޯއެއްވެސް ނިންމާލާނީ ބަލާ މީހަކު ހިނިތުން ކުރުވާފައެވެ. ހެއްވާލާފައެވެ. މަޖާ ވައްތަރުތައް ޖައްސުވަން ހަޒޭ ވަރުގެ މީހަކު ޓިކްޓޮކްގައި ނެތޭ ބުނެވިދާނެއެވެ. ހަޒޭގެ ފޭންގެ ގޮތުގައި 8,600 އެބަ ތިއްބެވެ. އެ މީހުންނަށް ކޮންމެ ދުވަހަކުމެ މަޖާ ވީޑިއޯއެއް ދޫކޮށްލައެވެ. ކިތަންމެ ސީރިއަސް ލަވައެއް ނުވަތަ ވީޑިއޯއެއްނަމަވެސް، ނިމިގެންދާނީ ހަޒޭގެ ކޮންމެވެސް ވައްތަރެއް ޖެއްސުމަކުންނެވެ.
ޔާމްބެ
ޔާމްބެގެ އަސްލުނަން ނޭނގުނުނަމަވެސް، 6700 މީހުން ޔާމްބެގެ ވީޑިއޯތައް ފޮލޯކުރެއެވެ. ބޮޑަށް ސިޔާސީ ޚާއްސަކޮށް ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ ފަރާތްތަކުގެ މަޝްހޫރު އޯޑިއޯތަކަށް އެކްޓްކުރާ ޔާމްބެއަކީވެސް މަޖާ މީހެކެވެ. މަދުމަދުން ސީރިއަސް ވީޑިއޯތައް ކުޅުނު ނަމަވެސް ބޮޑަށް ޔާމްބެ ކުޅެނީ މަޖާ އަދި ކުރީގެ މަޝްހޫރު މީހުންގެ ޑައިލޮގްތަކަށެވެ.
ފިލްމެއް ނުވަތަ ލަވައެއް ކުޅެލަން ނުލިބި، ލިބިފައިވާ ހުނަރުވެރިކަން ދައްކާލުމަށް ލިބުނު ޓިކްޓޮކްގެ އެހީގައި ގިނަ ދިވެހީންނެއްގެ ހުނަރު މިދަނީ ދައްކަމުންނެވެ. އަމިއްލައަށް ވީޑިއޯތައް ހަދާ ވައިގެ ތެރެއަށް ދޫކުރަމުންދާއިރު، މިކަމުގެ ތެރެއިންވެސް އާއިލާއެއްވަނީ އުފެދިފައެވެ. މަތީގައި ފާހަގަކޮށްލެވުނު ފަންނާނުންގެ އިތުރުން ޓިކްޓޮކް ހަދާ ގިނަ ބަޔަކު އެއްތަންވެ މަޖާ ވަގުތުތަކެއްދަނީ ހޭދަކުރަމުންނެވެ. ނުދަންނަ އެތައް ބަޔަކުވަނީ އެކުވެރިންނަށް ވެފައެވެ.