ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ފައިރޫޝް އާއި އިންސްޕެކްޓަރ އަބްދުﷲ އިބްރާހިމް ދީދީ އަދި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލްކޯތުން މިއަދު ހުކުމް ކުރަށްވައިފިއެވެ.
ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ސަރުކާރާއި ބެހޭގޮތުން ނުބައި ތަސައްވަރެއް އުފެދޭގޮތަށް ވާހަކަ ދެއްކި ކަމަށްބުނެއެވެ. ރިޔާޒް ވަކިކޮށްފައިވަނީ އޭނާއާއި ގުޅޭ އަހުލާގީ މައްސަލައެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށް ފަހުގައެވެ.
މި ތިންބޭފުޅުންގެ މައްސަލަ ސިވިލްކޯޓުން ނިންމީ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާ ތެރެއިންނެވެ. މި މަރުހަލާ އަކީ ޝަރިއްޢަތަށް މައްސަލަ ގެނދިއުމުގެ ކުރިން ދެފަރާތުން ވާހަކަ ދައްކައިގެން ހައްލު ލިބޭތޯ ބަލާ މަރުހަލާއެވެ. މިމަރުހަލާގައި ދައުލަތުން ވަނީ، ފައިރޫޝް އާއި ރިޔާޒް ވަކިކުރުމުގައި އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާކަމަށާއި އަދި އެކަށީގެންވާ ވަރަށް ބަލާފައި ނުވާކަމަށް އެއްބަސް ވެފައެވެ.
ދައުލަތުގެ ބަހަށް ރިޢާޢަތްކޮށް ސިވިލްކޯޓުން ހުކުމް ކުރެއްވީ އެ ތިންބޭފުޅުން ނަށްވެސް ކުރިން ތިއްބެވި ފެންވަރުގެ ވަޒީފާއެއް ފުލުހުންގެ އިދާރާއިން ދިނުމަށާއި އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ދޭންޖެހޭ މުސާރައާއި އިނާޔަތްތަށް ދިނުމަށެވެ.