އެމްޑީޕީ އިން އެދަނީ ޑިމޮކްރަސީގެ އަސާސްތައް ކޮށައި ކުދިކުރަމުން ކަމަށާއި އެޕާޓީގައި އެއްވެސް ހަމައެއް ނެތްކަމުގައި، ދާދިފަހުން ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ލަތީފު ފާޑުވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ބާތިލުކުރުމަށް ސިޔާސީ ޕާޓީ ތަކުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހަށް އެމްޑީޕީން ދެކޮޅު ހެދުމުންނެވެ.

އެމްޑީޕީގެ ދެކޮޅުހެދުން ތަކާއި އެކުވެސް، ޕީޕީއެމް އާއި ޖޭޕީގެ މެންބަރުން ވޯޓުދީގެން އިއްޔެ ވަނީ މިބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާފައެވެ. ލަތީފް މި ބިލް ހުށަހެޅުމުން އެކަމާއި ދެކޮޅަށް މަޖިލީހުގައި ވާހަކަ ދެއްކީވެސް އެމްޑީޕީގެ މެންބަރުންނެވެ. 

ލަތީފް ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު ޕީޕީއެމުން އިސްވެ އޮވެ، ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހުގެންނަން އުޅުމުން އެކަމާއި އެންމެ ދެކޮޅުހެދީ އެމްޑީޕީ ގެ މެންބަރުން ކަމުގައެވެ. އަދި އެމްޑީޕީން ބުނަމުންއައީ އެއީ ޤާނޫނު އަސާސީ އާއި ޚިލާފު އިސްލާހެއް ކަމަށް ކަމުގައިވެސް ލަތީފު ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ބާރުލިބޭ ދުވަހު އެއިސްލާހު ބާތިލުކުރާނެކަމަށް އެދުވަހު ބުނެފައި، މިއަދު އެއިސްލާހު ބާތިލުކުރަން ދެކޮޅު ހައްދަވަނީ ކީއްވެތޯ ލަތީފް ސުވާލު ކުރެއްވިއެވެ.

އެމްޑީޕީއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ލަތީފް އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރީމަ އެއީ ޑިމޮކްރަސީއެއް ނޫން، ރީނދޫކުލަ އޮންނަގޮތަށް ނިންމައިފިއްޔާ އެއީ ޑިމޮކްރަސީ، އެގޮތަކަށް އެކަމެއް ނުވާނެ" ކަމުގައެވެ.

ލަތީފް ވަނީ މަޖިލިސް އިންތިޚާބު މިހާ ކުޑަތަންވެފައި ވަނިކޮށް ގިނައަދަދެއްގެ މެންބަރުން އެމްޑީޕީއަށް ވައްދަމުންދާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރަން ބޭނުންވެފައި ތިބި އިޙުލާސްތެރިންގެ ހައްޤަށް އުނިކަން އަންނަކަމަށްވެސް ލަތީފް ފާހަގަ ކުރެއްވިއެވެ.

"އެމްޑީޕީގައި އެއްވެސް ހަމައެއްނެތް، ޑިމޮކްރަސީގެ އަސާސްތައް ފަޅަމުން، ކޮށަމުން، ކުދިކުރަމުން އެދަނީ. މިންތަކެއް، ތުނިމިނެއް، ބޯމިނެއް، ފަލަމިނެއް ބެލުމެއްނެތް" ލަތީފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.