ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ފުވައްމުލަކު ސިޓީ ކައުންސިލަށާއި، ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށާއި، ފުވައްމުލަކު ޑިޓޮކްސިފިކޭޝަން ސެންޓަރަށާއި، ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަންތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ފުވައްމުލަކު ސްކޫލް ވަށައިގެން އޮންނަ މަގުތަކުގެ ޙާލަތު ބައްލަވައިލައްވައިފައިވެއެވެ.