ދިގު ވަރުގަދަ އިސްތަށިގަނޑަކަށް ލޯބި ކުރަނީ ހަމައެކަނި އަންހެނުންނެށް ނޫނެވެ. ދިގު ވަރުގަދަ އިސްތަށިގަނޑަކީ ފިރިހެނުންވެސް ވަރަށް ލޯބިކުރާ ސިފަ އެކެވެ. އިސްތަށިގަނޑު މިފަދައިން ވަރުގަދަކޮށް ދިގު ކުރެވޭނީ ވަރަށްވެސް ފަރުވާތެރިވެ، އަޅައިލައި، ގަވައިދުތަކެއް ބިނާކޮށްގެންނެވެ. އެގޮތުން ދިގު ވަރުގަދަ އިސްތަށިގަނޑެއް ރައްކައުތެރި ކުރެވޭނެ ފަސް ގޮތެއް ބަލާލަމާ ހިނގާށެވެ.

1- ރަނގަޅުގޮތުގައި ފުނާ އެޅުން

އިސްތަށިގަނޑުގައި ފުނާ އެޅުމުގައި ސަމާލުވާށެވެ. އެގޮތުން އިސްތަށިގަނޑު ދޮވުމަށްފަހު ފުނާ އެޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އިސްތަށިތަށް ފޯވެފައި ހުންނައިރު ފުނާ އަޅައިފިނަމަ އިސްތަށިތަށް ހަލާކުވުން ވަރަށް ގާތްވާނެއެވެ. އިސްތަށިގަނޑު ދޮވުމަށްފަހު އެންމެ ފުރަތަމަވެސް ހިކި ތުވާލި އަކުން އިސްތަށިގަނޑުން ފެން ހިއްކާލާށެވެ. އެއައްފަހު ކުޑަ ތެޔޮ ކޮޅެއް ލާފައި، ދަތްދުރު ފުނަލަކުން ފުނާ އަޅައިލާށެވެ.

2- އިސްތަށިގަނޑުގައި ޖެހިފައި ހުންނަ ގޮށްތަށް ފިލުވައިލާށެވެ.

ވަރުގަދަ ދިގު އިސްތަށިގަނޑެއްގައި ގޮށްޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިކަމަށް އަޅައިނުލާ ދޫކޮށްލައިފިނަމަ އިސްތަށިގަނޑު ހަލާކުވެގެން ހިންގައިދާނެއެވެ. ގޮށް ފިލުވުމަށްޓަކައި ބުރުހަކުން މަޑުމަޑުން އިސްތަށިގަނޑުގައި އަޅައިލާށެވެ. މިގޮތަށް ބުރުސް އަޅާއިރު ސީދަލަށް އަޅަން މަސައްކަތް ކުރާށެވެ. އިސްތަށިގަނޑުގެ ކޮޅުތަކުގައި ޖެހިފައި ހުންނަ ގޮށްތައް ފިލުވަން ވާނެއެވެ. ގޮށްފިލުވުމަށްޓަކައި ބޭނުން ކުރަން އެންމެ ރަނގަޅީ "ޕެޑަލް ބްރަޝް" އެވެ.

3- މާގަދައަށް އިސްތަށިގަނޑު ނުދޮންނާށެވެ.

އިސްތަށިގަނޑު ދޮވުމުގައި ކުރެވޭ އެންމެ ބޮޑު ގޯސް ކަމަކީ ޝޭމްޕޫލައިގެން މާގަދައަށް އިސްތަށިގަނޑު ދޮވުމެވެ. ޝޭމްޕޫލައިގެން މާގަދައަށް އިސްތަށިގަނޑު ދޮވުމުން އިސްތަށިތަކުގައި ހުންނަ ގުދުރަތީ ތެޔޮކަން ފިލައިގެންގޮސް އިސްތަށިގަނޑު ކުރަކިވާލެއް އަވަސްވާނެއެވެ. އެފަދަ ގެއްލުންތަކުން ސަލާމަތް ވުމައްޓަކައި ހަފްތާއަކު ގިނަވެގެން 3 ފަހަރު ޝޭމްޕޫލައިގެން އިސްތަށިގަނޑު ދޮންނަން އާދަ ކުރާށެވެ. ފެންވަރާ ކޮންމެ ފަހަރަކު ޝޭމްޕޫލައިގެން ދޮވުމުގެ ބޭނުމެއްނެތެވެ.

4- ކޮންޑީޝަނާ ބޭނުން ކުރަން އާދަކުރާށެވެ.

ހެއާ ކޮންޑިޝަނާ ބޭނުން ކުރަން ހަންދާން ނައްތައިނުލާށެވެ. ރީތި ވުމުގެ މާހިރުން ބުުނާ ގޮތުގައި އަބަދުވެސް ގަވައިދުން ކޮންޑިޝަނާ ބޭނުން ކުރުމުން އިސްތަށިތަށް އޮމާންވެ، ގޮށްޖެހުމުން ދުރުކޮށްދޭނެއެވެ. އަދި ކުރަކި ވުމުންވެސް ދުރުކޮށްދޭނެއެވެ. ކޮންޑިޝަން ކުރަމުން ދާއިރު އިސްތަށިތަކުގެ ކޮޅުތަކަށް ސަމާލުކަން ދޭންވާނެއެވެ.

5- އިސްތަށިތަކުގެ ކުރިތަށް ކޮށާލަން ހަންދާން ކުރާށެވެ.

އިސްތަށިގަނޑު ދިގުވަމުން އަންނައިރު ވަކިވަކި އިސްތަށިތަކުގެ ކޮޅުތަށް ވަކިވެ ފަޅަފަޅައިގެން ދިއުމަކީ ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް ރާއްޖެ ކަހަލަ ހޫނުގަދަ މަންޒިލެއްގައި ދިރިއުޅޭނަމަ އެއީ ވަރަށްވެސް އާންމު ކަމެކެވެ. މިގޮތަށް އިސްތަށިގަނޑުގެ ކުރިތަށް ފަޅައިގެން ދިއުން ހުއްޓުވައިލެވޭނީ ވަރަށްވެސް ސަމާލުވެ ހޫނު ގަދަ ތަންތާގައި ހޭދަކުރާ ވަގުތު ވަރަށް މަދު ކޮށްގެންނެވެ. ރާއްޖޭގައި، އަދި ހާއްސަކޮށް މާލޭގައި އުޅެންޖެހިފައިވާ ގޮތުން މިއީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. އެހެން ނަމަވެސް ގަވައިދުން އިސްތަށިތަކުގެ ކޮޅުތަށް ކޮށައިލާ ކަމުގައިވަނީނަމަ އިސްތަށިގަނޑު ރީތިކޮށް ބޭއްވޭނެއެވެ. އަބަދުވެސް ކޮޅުތަށް ކޮށާލަން ފަރުވާލުގައި ބަހައްޓާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.