ގޭމް އޮފް ތްރޯންސް އިން ފަހު ފަހަރަށް ޖޭސަން މޯމޯ ދައްކާލުމަކީ ހުރިހާ އެންމެންގެ ހުވަފެނެއް ކަމަށް ގޭމް ތްރޯންސްގެ ގިނަ ފޭނުން ހެކިވާން ފަށައިފިއެވެ.
ގޭމް ތްރޯންސްގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ ޑެނޭރިސް ޓާގޭރިއަންގެ ކުރީގެ ފިރިމީހާ ކާލް ޑްރޯގޯ ނުވަތަ ޖޭސަން މޯމޯއަކީ ގިނަ އަންހެނުންގެ ހިތްތައް ކަތިލަމުން އައި ފިރިހެނެއްކަން ގޭމް އޮފް ތްރޯންސް ބަލާ ގިނަ މީހުން، ޚާއްސަކޮށް އަންހެނުން ހެކިވާނެއެވެ. ގޭމް އޮފް ތްރޯންސް ގެ އެއްވަނަ ސީޒަންގައި ކާލް ޑްރޯގޯ މަރުވި ފަހުން މިއީ 8 ވަނަ ސީޒަން ކަމަށް ވިނަމަވެސް އަދިވެސް ގިނަ ފޭނުން އެދެނީ ފަހު ފަހަރަށް ނަމަވެސް އަދި ހަނދާނެއް ދައްކާލުމުގެ ތެރެއިން ނަމަވެސް ޖޭސަން މޯމޯ ދައްކާލުމަށެވެ.
މީގެ ކުރިންވެސް ކާލް ޑްރޯގޯ މަރުވުމަށް ފަހު ސީޒަން 2 ގެ 10 ވަނަ އެޕިސޯޑް އިން ވަނީ ކާލް ޑްރޯގޯ ދައްކާލައިފައެވެ. އެ އެޕިސޯޑްވެސް ވީ ހަމަ އެ ސަބަބަށްޓަކައި ގިނަ އަދަދެއްގެ ފޭނުންގެ ޖަޒުބާތުތަކާއި ކުޅެލި އެޕިސޯޑަކަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޖޭސަން މޯމޯ 2012 އަށް ފަހު ފުރަތަމަ ފަހަރަށް އޭނާގެ ތުނބުޅި ބޭލި ކަމަށް ދައްކާ ވީޑިއޯތަކަކާއި ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވުމުގެ ސަބަބުން ގިނަ އަންހެނުން ތަކެއް ވަނީ އެ ފޮޓޯތައް ހިއްސާކޮށް އޭނާގެ ރީތި ކަމަށް ތައުރީފްކޮށްފައެވެ.
ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަންއާ ހަމައަށް އައިސްފައިވާ އިރު ގިނަ އަދަދެއްގެ ތަރިން އެ ސިލްސިލާ އިން ފެނިގެން ގޮސްފައި ވީ ނަމަވެސް އަދިިވެސް ކާލް ޑްރޯގޯ ނުވަތަ ޖޭސަން މޯމޯ ވަރުގެ ރީތި ފިރިހެނެއް އެ ސިލްސިލާއިން ފެނިފައި ނުވާ ކަމަށް ގިނަ އަންހެނުން ހެކިވެއެވެ.
ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަންގައި 'އާރމީ އޮފް ޑެޑް' ދެކުނަށް ދަތުރު ކުރަމުން ދާއިރު ފޭނުން ވަނީ ވަރަށް ބޮޑު ޝައުގުވެރިކަމެއްގެ ތެރޭގައެވެ. އެންމެން ވެސް ތިބީ ކުރިއަށް ވާނެ ގޮތެއް ނޭނގި، ނިމޭނެ ގޮތެއް ބަލާލުމަށްޓަކައި ކެތް މަދުވެފައެވެ. ގިނަ އަދަދެއްގެ ރިޕޯޓުތަކުން ބުނިގޮތުގައި ކުރިއަށް އަންނަން އޮތް ހަނގުރާމަ އަކީ މިހައި ތަނަށް ސްކްރީނެއްގައި ދައްކާލެވުނު އެންމެ ވަރުގަދަ އަދި ފޯރިގަދަ ހަނގުރާމައަށް ވާނެ ކަމަށެވެ.