އަހަރެންގެ ރައްޓެއްސަކު ބުނިހަނދާނެއްވެއެވެ. އޭނާގެ އަންހެނުންނީ ޖިންނިބަލީގައި ދުވަސްތަކެއް ހޭދަކުރި ފަރާތެކެވެ. އެއްދުވަހަކު މިބުނާ ރަހްމަތްތެރިޔާގެ އަންހެނުންނަށް ޖިންނިއެއް ފެނުނެވެ. އޭގެ ސިފަ ހުތުރުވެފައި ބިރުވެރިއެވެ. އެއީ ޝައިތާނެކެވެ. ދަތްދޮޅި ވެއްޓި ކަތުރުކަށިގަނޑާއި ވަކިވެފައި ކަހަލައެވެ. ބޮލުގައި ދެދަޅު ފަޅާފައިވެއެވެ. މިއީ ރަހްމަތްތެރިޔާ އެޝައިތާނު ސިފަކޮށްދިންގޮތެވެ.
ޒަމާން ތަރައްގީވަމުން އަންނައިރު މަގުތައްމަތިން އަމާންކަން ގެއްލިދާކަމީ ހިތާމަހުރިކަމެކެވެ. ނަހީ ކުރައްވާފައިވާ އަމަލުތަކަށް މުސްލިމުން ކަމުގައި ފޫޅުކަނޑާ ، ހަރާމް ކުރެއްވި އެތައްކަމެއް ކުރަނީ އާހިރަތަކަށް ބެލުމެއް ނެތިއެވެ. ރީތި ނަމެއް ކިޔާ އަގީގާއެއް ކަތިލުމުން ފުރިހަމަ މުސްލިމަކަށް ވެވޭނެ އެއްވެސް ޖާގައެއްނެތެވެ. މި ކުޑަކުޑަ މުޖުތަމައު ގައިވެސް ހަރާން ކަންތައްތަށް ހަރާމެއް ހަލާލެއް ބެލުމެއްނެތި އާންމުވެގެންދާކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ހަގީގަތެކެވެ. އެއްވެސް ފަސްޖެހުމެއް ބިރެއްނެތިއެވެ.
މިގޮތުން ވިސްނާލަން ޖެހޭ އެއްކަމަކީ މަސްތުގެ ވަބާ މުޖުތަމައުގައި ފެތުރެމުންދާ ހަލުވި ދުވެއްޔެވެ. މިކަމުގައި އޮތީ ހަމަ އެކަނި މައިންބަފައިންގެ އިހުމާލު އެކަންޏެއްވެސް ނޫނެވެ. ހިޔާރުކުރާ މާހައުލުވެސް މިކަމުގައި ހިއްސާވެއެވެ. ހުރިހާ ނުބައެއްގެ ފެށުން ކަމުގައި " މަސްތު " ވީހިނދު މިއީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ ބޮޑުކަމެކެވެ. މަގުމަތީގައި ބިއްޖެހޭ ހާލު ސައި ހޮޓާތަކުގައި އަނގަޔާ އަތާއި ދިމާނުވެ އުޅޭތަން ފެންނަނީ މަދަކުން ނޫނެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި މިވަނީ ބިރެއްނެތި އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ވެފައެވެ. ގާނޫނީ ގޮތުން މިކަމަށްއަޅާ ފިޔަވަޅުތައް ކުޑަކަމަށް ފެންނަން އޮތްއިރު ޖީލުގެ ކުރިމަގު ދައްކަނީ ބަބުރު ދައިތަ ކަށިމަތިހައި އަނދިރިކޮށެވެ.
ޅަފުރާގެ އެތައް ޒުވާނުންނެއް މިކަމުގައި ހަޔާތް ހޭދަކޮށްލާއިރު، ނިމިދަނީ ކިތައް ފުރާނަތޯއެވެ. ފުރާނައިގެ އަގު އަދާކުރުންއޮތީ މުޑުދާރު މަސްތުންތޯއެވެ. މާރީތި ކަމަކަށް މަސްތުވުން ހަދަން މަސައްކަތް ކުރިނަމަވެސް މިކަމުގައި ވަނީ ހިތި ނިމުމެކެވެ. ދުނިޔެވީ ގޮތުން ބެލިކަމުގައި ވީނަމަވެސްމެއެވެ. އަދި އާހިރަތް ކޮބައިތޯއެވެ. ވައްކަމާއި ފޭރުމާއި މާރާމާރީއާއި ޒިނޭފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގެ މަސްދަރަކީ މަސްތެއް ނޫންތޯއެވެ. ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް އެފާފަ މަތީ ދާއިމުވުމެއް ނުވެއެވެ. އޮތީ ﷲ އަށް ބިރުވެތި ވާހާލު ތައުބާވުމެވެ.
ހަގީގަތުގައި މަސްތުވެގެން ހުންނަހުރުމުގައި ތިބާގެ ސިފަ ތިބާއަށް އިހްސާސް ކުރެވޭނެ ނަމައެވެ. ދަތްދޮޅި ވެއްޓި ކަތުރުކަށިގަނޑާއި ވަކިވެފައިވާ ޝައިތާނާއަށްވުރެންވެސް ހުތުރުކަން ބޮޑީ އިސްލާމްކަމަށް ދައުވާކުރަމުން ހިނގާ މަސްތުގެ ޒުވާނާނޫންހެއްޔެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.