ޒަމާން ބަދަލުވެއްޖެއެވެ. މި ކުޑަކުޑަ މުޖުތަމައުއަށް ބަލާލި ނަމަވެސް ފެންނަނީ ތައުލީމީ ޒުވާނުން ގިނަވެ ކުރާނެ މަސައްކަތެއް ނެތި، އަދާ ކުރާނެ އެކަށީގެންވާ ވަޒީފާއެއް ނުލިބިގެންއުޅޭ މަންޒަރެވެ. ވަޒީފާގައި ތިބެގެން ޒަމާނީ ތައުލިމާއި ތަމްރީނު ހޯދޭނެ މަގުތަށް ތަނަވަސް ވެފައިވީ ނަމަވެސް ހިތާމައަކީ ރައްޔިތުންގެ ޒިންމާ ނަންގަވަން މަތީފަންތީގައި ތިއްބަވާ ބޭބޭފުޅުން ޒަމާނަށް ލޯހުޅުވުމެއްނެތި ވަޒީފާ ދަމަހައްޓަމުން ދާކަމެވެ. މި ވާހަކައަކީ މި ކުޑަކުޑަ މުޖުތަމައުގައި މާ ބީރަށްޓެހި ވާހަކައަކަށް ނުވެއެވެ. ހަގީގަތަކީ ކޮންމެ ރަށެއްގައިވެސް މިކަން ޝަކުވާއަކަށް ވެފައިވާކަމެވެ.

އެތަކެއް އަހަރެއް ކުރިން ހާސިލްކޮށްފައިވާ ތައުލީމުން ފުދޭކަމަށްދެކެ ވަޒީފާގެ މައްސޫލިއްޔަތު ކޮނޑުއަޅައި މުއައްސަސާތައް ފިނިހަކަ ދުވެލީގައި ހިންގަމުންދާކަން ފެންނަނީ މަދަކުންނޫނެވެ. ގޭގައި ތިއްބަވައިގެން މަތީ ސަނަދުތައް ނެގެންއޮތް މިޒަމާނުގައި، އިސްފަންތީގެ ގިނަ ބޭފުޅުންނަށް މިކަމާ ވިސްނާލާނެ ވަގުތެއްވެސް ނުވަނީ ތޯއްޗެކެވެ. މިކަމަކީ ޒަމާނީ ތައުލީމުން ސިކުނޑިތަަށް ފުރާލައިގެން ތިބި ޒުވާނުންނަށް ވެވޭނެ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ. ވަޒީފާގައި ތިބުމަކުން އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް އެކަން ވާންޖެހޭނީ އެވަޒީފާއަކަށް އެކަށީގެންވާ އިލްމީ ގާބިލުކަން ލިބުމަށް ފަހުގައެވެ.

ރައްޔިތުންގެ ހިދުމަތްތަކާއި ގުޅުންހުރި އެކިއެކި މުއައްސަސާ ތަކުގައިވެސް މިކަންމިވަނީ މާ ކުރީންސުރެން ފެންނަމުނަދާ ހަގީގަތަކަށް ވެފައެވެ. މިކަމަށް ފާޑުކިޔުމަކީ އެއްވެސް ހާލެއްގައި އެފަދަ ބޭފުޅުންނަށް ކުރެވޭ މަލާމާތެއް ނޫނެވެ. މިއީ ހަގީގަތެވެ.

މިފަދައިން މުއައްސަސާތަކުގެ ވެރިންގެ މަސައްކަތްތަކުން ފެންނަނީ ތަނުގެ ކުރިއެރުމަށް ގަސްތުގައި ނޫންނަމަވެސް އިހްމާލުވާތަނެވެ.

ބޯދާ ވިސްނުމަށް ބާރުވެރިވެ އުފެއްދުންތެރި ހިޔާލުތައް ގުރުނޑު ކުރުވާ މަންޒަރެވެ. ވެރިންގެ ސިޔާސަތުތައް ކިތަންމެ ކުޅޭކުޅޭ ނަމަވެސް އެކަމާއި ދެކޮޅަށް ހިޔާލުދީ ބަހެއްބުނުމަކީ ދިރިއުޅުމުގައިވެސް އެންމެ ޖެހިލުންވާ އެއްކަންތައް ކަމުގައި ވަނީ ވެފައިވެއެވެ. ހައްގުތަކާއިއެކު ލިބިދޭންޖެހޭ ހިދުމަތްތަށް އެންމެ އެދެވޭ ގޮތުގައި ނުލިބޭކަމުގެ ޝަކުވާ މުޖުތަމައުގައި ދެއްކުމާއި ޝުއޫރު ފާޅުކުރުމަކީ އެއްވެސް ހާލެއްގައި ޒާތީވުމެއް ނޫނެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށްވެސް ގާނޫނުގައި ކަށަވަރުކޮށްދޭ ކަމެކެވެ.

މުއައްސަސާތަށް ހިންގުމުގައި ގާބިލް ބޭފުޅުން ހިޔާރު ކުރުމަކީ ގައުމަށްވެސް އަދި ރައްޔިތުންނަށްވެސް ފައިދާވެގެން ދާނެ ކަމެކެެވެ. މި ލޮބުވެތި ތަހުޒީބު ވެފައިވާ ރާއްޖޭގައި މުއައްސަސާތަކުގެ އިސް މަގާމުތަކަށް، ކިޔަވައިގެންތިބި ކުޅަދާނަ ޒުވާނުން އެބަތިއްބެވެ. އެ ޒުވާނުންނަށް ފުރުސަތު ދޭނަމަ މިއަށްވުރެ ފަހި މާދަމައެއް ލިބިދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ޒުވާނުން ބާކީ ކޮށްނުލާށެވެ. ޒުވާނުން ބާކީ ކޮށްލުމަށްފަހު އެއީ ނާގާބިލް ބައެކޭ ނުބުނާށެވެ. މުއައްސަސާތަކުގެ އިސްމަގާމު ތަކުން ނާގާބިލް ބޭބޭފުޅުން ހިއްޕަވައިފައިވާ ވަކިތަށް ނައްޓުވައި ޒުވާނުންނަށް ފުރުސަތު ދޭނީ ކޮން އިރަކުންތޯ އެވެ؟  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.