ބިމުގެ ގޮތުން ކުޑަ އަދި މީސްކޮޅު އެހައިމެ މަދު ގައުމަކަށް ދިވެހިރާއްގެ ވެފައި ވީނަމަވެސް ދިވެހިންނަކީ މުއްސަނދި ތާރީޙަކާއި އަމިއްލަ ޘަގާފަތެއް ލިބިފައިވާ ބައެކެވެ. ފެންނަންހުރި އާޘާރީ ތަންތަނާއި ތަކެތި މިކަމުގެ ހެއްކަކަށް ފުދެއެވެ.

ފުވައްމުލަކަކީ ވޮޑިގިރާ މިރާއްޖޭގެ ކުދިޖަޒީރާ ތަކުގެ ތެރޭގައި ހިމެނޭ މާރަށެކެވެ. އަތޮޅުތަކާއި ވަކިވެ މާކަނޑުގައި އެކަހެރިވެ  އޮންނަ އެކަނިވެރި ރަށެއްކަމަކު، ފުވައްމުލަކަކީ އެރަށުގެ ބަނޑުން ޤައުމީ ހިދުމަތުގެ ކުރިބޯއްޓަށް އެތަށްގިނަ ތުއްރަވާސް ތަކެއް އުފަންކޮށްފައިވާ މަށްދިވެހި، ދިވެހި ޖަޒީރާއެކެވެ.

ފުވައްމުލަކަކީ އާޘާރީ ބިނާތަކާއި ތަންތަން ނުހަނުގިނަ ރަށެކެވެ. ކެޑޭރެ މިސްކިތަކީ މީގެތެރެއިންވެސް ފާހަގަ ކޮށްލެވޭ މުހިއްމު ބިނާއެކެވެ. މިޒަމާނުގައި އިމާރާތްކުރުމަށް މިބޭނުންކުރާ ސިމެންތިފަދަ އެއްޗެއްގެ ބޭނުންނުކޮށް، އާނުގައު ކީހައިގެން ކޮށްފައިވާ ގަލުވަޑާމަކީ ދިވެހި ގަލުވަޑާމުގެ ފަންނުވެރިންގެ ކުޅަދާނަކަމުގެ މިސާލެކެވެ. އަދި މި މިސްކިތުގެ ވަޅު ހުންނަ ވެވަކީވެސް އެތަނުގެ ރީތިކަމާއި ގަައުތަށް އަތުރާލެވިފައިވާ ގޮތުގެ ފުރިހަމަ ކަމުގެ ސަބަބުން މަޝްހޫރު ވެފައިވާ އަތްތެރި މަސައްކަތާއި ގަލުވަޑާމުގެ ލާމަސީލު މިސާލެއްފަދަ ތަނެކެވެ.

ކެޑޭރެ މިސްކިތަކީ ފުވައްމުލައް ދެވަނަފަހަރަށް ފަޅުވުމަށްފަހު 1555 ވަނަ އަހަރު އާބާދުކުރެވުނުއިރު ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތް ބިނާކުރެއްވީ ފުވައްމުލަކުގެ ފަންނުވެރިއެއް ކަމުގައިވި ޔޫސުފު ނައިބު ކަލޭފާނުގެ ފުތް ދޮން ހަސަން ޚަތީބުގެ ފުތް ކަނބުރު އަދަރަހަން ޚަތީބުގެ ފުތް އުޘްމާނު ޚަތީބުގެ ފުތް ސީދި ނަބުކަލޭގެގެ ފުތް އަލީ އަޑަފި ކަލޭގެއެވެ. މި އަލީ އަޑަފި ކަލޭގެ ފަސްދާނު ލެވިފަިވަނީ ކެޑޭރެ މިސްކިތު ހަރިންމަ ތެރޭގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން އަތޮޅުވެރިޔާ ކަމުގައިވާ، ފުވައްމުލަކު ވައިމަތީގޭ ދޮން ސިއްތި ވެސް ފަސްދާނުލެވިފައިވަނީ މި މިސްކިތު ހަރިންމަ ތެރޭގައެވެ. މިއީ ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވި ބޭކަނބަލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.