ނޮޅިވަރަމް ސުޒުކީކަޕް 2018 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހިރަފުސްޓީމް ހޯދައިފިއެވެ.
ހިރަފުސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ޗަކްލީއާ ވާދަކޮށް 2-1 ން މެޗު ކާމިޔާބު ކޮށްގެނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ހިރަފުސް އެވެ. މިލަނޑު ޖަހައިދިނީ އެޓީމަށް ކުޅޭ ހަނިމާދޫ ކުޅުންތެރިއެއްކަމަށްވާ އާލިފް (ކޮއްކޮ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗަކްލީގެ އަހުމަދު ރަޝީދު (އައްމަޑޭ) ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ހިރަފުސް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ އާސިފް ސަލީމް (އާސިއްޕެއެވެ). އެއީވެސް ހަނިމާދޫއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރ އަދި ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރަފުސްޓީމުގެ ފަރުހަތު މުހައްމަދެވެ. އެންމެ މޮޅު ކީޕަރަކަށް ހިރަފުސްޓީމުގެ މާހީ އަބުދުﷲ ހޮވުނުއިރު އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ އެޓީމުގެ ފަތުހުﷲ އާދަމްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދާފައިވަނީ ފްރެންޑްސް ޔުނައިޓެޑުގެ ހަސަން ޝާމިލް (މިލޭ)އެވެ. މިލޭވަނީ މުބާރާތުގައި 14 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ފްރެންޑްސް ޔުނައިޓެޑްގެ ހުސައިން މުހައްމަދެވެ. އަދި ފެއަރ ޕްލޭ ކުޅުންތެރިއަކަށް ފްރެންޑްސް ޔުނައިޓެޑްގެ ޒިމާމް ހޮވުނުއިރު އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބު ކުލަސްޓާރ އިބުރާހިމް ޝަރީފެވެ.
މީގެ އިތުރުން މުބާރާތުގެ ޑްރީމް ޓީމްވެސް ވަނީ ހޮވާފައެވެ.
މުބާރާތުގެ ޑްރީމް ޓީމް:
ސާލިމް މުހައްމަދު (އެމްއެމްއެސް)
ފަތުހުﷲ އާދަމް (ހިރަފުސް)
މުހައްމަދު ސިރުހާން ( ކުލަބު ކުލަސްޓަރ)
ހަސަން ޝާމިލް (ފްރެންޑްސް ޔުނައިޓެޑް)
ޝާފިއު މުހައްމަދު (ކުލަބު ކުލަސްޓަރ)
އަބުދުﷲ ރަޝީދު (ޗަކުލީ)
ޝަފީއު އާދަމް (ޗަކުލީ)
ހުސައިން ރަޝީދު (ޗަކުލީ)
މާހީ އަބުދުﷲ (ހިރަފުސް)
ފަރުހަތު މުހައްމަދު (ހިރަފުސް)
ހުސައިން މުހައްމަދު (ފްރެންޑްސް ޔުނައިޓެޑް).