ބައެއް މީހުންނަށް ހީވާ ގޮތުގައި އެމީހުން ގައިގައި މަދިރި ހަފަނީ އެހެން މީހުންނަށްވުރެ ގިނައިން ނުވަތަ އެެހެން މީހުންނަށްވުރެ މަދުންނެވެ. ގިނަ މީހުން ދެކޭ ގޮތުގައި މިއީ އެމީހުންނަށް ހީވެފައި އޮންނަ ކުށްހީއެކެވެ. ނަމަވެސް ކަންތައް ހިނގަނީ ހަމައެފަދައިންނެވެ. އެއްބައި މީހުންގެ ގައިގައި އެހެން މީހުންނަށް ވުރެ ގިނައިން މަދިރި ހަފައެވެ.

ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 20 އިންސައްތަ މީހުންނަކީ އެމީހުންގެ ގައިގައި މަދިރިއަށް މާ ކަމުދާ ލޭ އެކުލެވިގެންވާ މީހުންނެވެ. ސައެންޓިސްޓުން ވަނީ މިކަމަށް ގިނަ އަދަދެެއްގެ ދިރާސާ އެތައް ފަހަރެއް މަތިން ކޮށް، ނަތީޖާތަކެއް ނުވަތަ އެކަން މެދުވެރިވުމަށް ދިމާވާ ސަބަބުތަކެއް ބަޔާންކޮށްފައެވެ.

މަދިރި ހެފުމަށް އަސަރުކުރުވާ ކަންކަން

ލޭގެ ވައްތަރު

އަންހެން މަދިރި އިންސާނުންގެ ގައިން ލޭ ބޮނީ އޭގައިވާ ބައެއް ޕްރޮޓީން އެ ތަކެތީގެ ބިސްތައް އުފެއްދުމުގައި ބޭނުންވުމުގެ ސަބަބުންނެވެ. ނަމަވެސް ދިރާސާތަކުން ދެއްކިގޮތުގައި އެއްބައި ވައްތަރުގެ ލެއަކީ މަދިރިއަށް އަނެއްބައި ވައްތަރުގެ ލެއަށްވުރެ 'މީރު' ލެއެވެ.  މިގޮތުން  +O (އޯ ޕޮޒިޓިވް) އާއި -O (އޯ ނެގެޓިވް) ލޭ ހުންނަ މީހުންގެ ގައިގައި ހަފާ މަދިރީގެ އަދަދު +A (އޭ ޕޮޒިޓިވް) އާއި -A (އޭ ނެގެޓިިވް) ލޭ ހުންނަ މީހުންގެ ގައިގައި މަދިރި ހަފާ މަދިިރިގެ އަދަދަށްވުރެ ދެގުނަ އިތުރެވެ. ޓައިޕް B ލޭ ހުންނަ މީހުންގެ ގައިގައި މަދިރި ހަފަނީ ވަކި ގިނައިންނޭވެސް މަދުންނޭވެސް ބުނެވެން ނެތެވެ.

ކާބަން ޑައިއޮކްސައިޑް

މަދިރި ލޭ ބޯނެ އިންސާނުން ދެނެ ގަންނަ އެންމެ މައިގަނޑު އެއް ގޮތަކީ އިންސާނުންގެ ހަށިގަނޑުން ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ ވަސް ބެލުމެވެ. މަދިރިގެ ގައިގައި އިންނަ  މެގްޒިލަރީ ޕަލްޕް ނަމަކަށް ކިޔޭ ގުނަަނެއް ބޭނުންކޮށްގެން  އެ ސޫފިތައް އިންސާނުން ބޭރުކުރާ ނޭވާގެ ކާބަން ޑައިއޮކްސައިޑްގެ ވަސް 164 ފޫޓަށްވުރެވެސް ދުރުން ދެނެގަނެއެވެ.  ނަތީޖާއެއްގެ ގޮތުން ގިނައިން ކާބަން ޑައިއޮކްސައިޑް ނޭވާއާ އެކު ބޭރުކުރާ މީހުން ގެ ގައިން މަދިރި ލޭ ބޯ މިންވަރު އިތުރުވެއެވެ. އާންމު ގޮތެއްގައި ގިނައިން  ކާބަން ޑައިއޮކްސައިޑް ނޭވާ ބޭރުކުރާނީ ހަށިގަނޑު ބިޔަ މީހުން ކަމުން ކުޑަކުދިންގެ ގައިގައި މަދިރި ހަފާ މިންވަރު މަދުވުމުގެ ސަބަބަކަށް މިކަންތައް ވެގެން ދެއެވެ.

ކަސްރަތުކުރާ މިންވަރު

ކާބަން ޑައިއޮކްސައިޑްގެ ވަހުގެ އިތުރުން މަދިިރި އޭގެ ކާނާ ދެނެގަންނަން ބޭނުންކުރާ ވަސްތަކުގެ ތެރޭގައި ލެކްޓިކް އެސިޑް، ޔުރިކް އެސިޑް އަދި އެމޯނިއާ ފަދަ ހަށިގަނޑުން ބޭރުކުރާ ދަލުގައި އެކުލެވޭ ކެމިކަލްތައް ހިމެނެއެވެ.  މީގެ އިތުރުން ހަށިގަނޑުގެ ހޫނުމިން މަތި މީހުންގެ ގައިގައި ހެފުމަށްވެސް މަދިރި ޝައުގުވެރިކަން އިސްކުރެއެވެ.  ކަސްރަތު ކުރާ މީހުންގެ ގައިން ދާ ހިއްލާ މިންވަރު އިތުރު ވުމުގެ ސަބަބުން އެމީހުންގެ ގައިގައި މަދިރި ހެފުން ގިނަވެދާނެއެވެ. ހަމައެއާއެކު އުފެދުމުގައިވެސް އާދަޔާ ޚިލާފަށް ގިނައިން ގައިން ދާ ހިއްލާ މީހުންގެ ގައިގައި މަދިރި ހަފާ މިންވަރު އެއްބައި މީހުންނަށްވުރެ ގިނަވާނެއެވެ. 

ހަމުގައި އެކުލެވިގެންވާ ބެކްޓީރިއާ

ދިިރާސާތަކުން ދައްކައިފާ ގޮތުން ހަންގަނޑުގެ ބޭރުގައި ހުންނަ ބެކްޓީރިއާތަކެއްގެ ސަބަބުން ވެސް މީހުންގެ ގައިގައި މަދިރި ހަފާ މިންވަރަށް ބަދަލު ގެނައުމަށް މެދުވެރިކުރުވައެވެ. ސައެންޓިސްޓުން ހޯދި ހޯދުންތަކުން އިތުރަށް ދެއްކީ، މި ބެކްޓީރިއާ ތަކަކީ ކޮންމެ މީހެއްގެ ގައިގައި ވެސް ގުދުރަތީ ގޮތުން އެކުލެވިފައިވާނެ ބެކްޓީރިއާތަކެއް ކަމަށާއި ހަށިގަނޑުުގެ ބައެއް ގުނަަވަންތަކުގައި މިފަދަ ބެކްޓީރިއާ ގިނައިން ހުންނަ ކަމެވެ. އެގޮތުން ފަޔާއި ފައި ތިލަ އަދި ފައިގެ ކަށިމަތި ހިސާބުތަކުގައި ގިނައިން މަދިރި ހަފާ ސަބަބުގެ އަސްލަށް މިކަންތައް ވެގެންދާ ކަމަށްވެސް ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *