ދަރުބާރުގޭގައި ބޭއްވުނު ދިވެހި ނޫސްވެރިކަމުގެ އަލިމަސްޔޫބީ ފާހަގަ ކުރުމުގެ ހަފްލާގައި، ގަދަ އަޅާ މަސައްކަތް ކުރައްވަމުން ގެންދެވި ނޫސްވެރިންނަށް އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި އިއްޒަތްތެރިި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އަދި ހޯމް މިނިސްޓަރ، އައްޝެއިޚު އިމްރާން އަބްދުﷲ ވެސް ބައިވެރި ވަޑައިގެންނެވިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ނޫސްވެރިކަމަކީ އެމަނިކުފާނު އަދާ ކުރެއްވި އެންމެ ފުރަތަމަ ވަޒީފާ ކަމާއި މިޔަދު އެމަނިކުފާނު އެދާއިރާގައި ނޫޅުއްވިކަމުގައި ވިޔަސް އެމަނިކުފާނަކީ ނޫސްވެރިކަމުގެ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ އަބަދުވެސް ދެމި އޮތް ކަމެއްކަމާއި ސަރުކާރުން ނޫސްވެރިންގެ މިނިވަންކަން އަތުލައި ނުގަނެވޭނެ ކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ޖަލުގެ ކަނު އަނދިރި ކަމާއި ކުރިމަތިލާން ޖެހުނު ނޫސްވެރިންނަށް އިންސާފު ހޯދައިދޭނެ ކަމާއި "ގެއްލިފައިވާ"، ނުވަތަ ގެއްލުވާލައިފައިވާ، ރިލްވާން ފަދަ ނޫސްވެރިންނަށް ލިބުނު އަނިޔާއާއި ދެކޮޅަށް މި ސަރުކާރުން ބަދަލު ނުހިފާ ނުތިބޭނެ ކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
މި ހަފްލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުން ނޫސްވެރިންނަށް ކުރަމުން ދިޔަ އަނިޔާއާއި ދައްކަމުން ދިޔަ ބިރަކީ، އައު ސަރުކާރުން ފެނިގެން ނުދާނެ މަންޒަރު ތަކެއްކަން ކަށަވަރު ކޮށްދިނެވެ. އަދި މި އައު ސަރުކާރަކީ މީޑިއާގެ ތެރެއިން، ކުރި އަރައިގެން ދާނެ ސަރުކާރެއް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މިހަފްލާގައި އެންމެ ގިނަ އެވޯޑު ލިބިގެން ދިޔައީ މިހާރު ނޫހަށެވެ. 81 އަހަރުގެ އަބްދުﷲ ޞާދިގް ނުވަތަ ނަން މަޝްހޫރު ސޯދުބެ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އަދި ހަމައެއާކު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބުނެވެ. އެބޭފުޅާއަށް ހަނދާނީ ލިޔުން އަދި އެވޯޑް ހަވާލު ކޮށްދެއްވެވީ ކުރީގެ ރައީސް، އަލް އުސްތާޛް މައުމޫން އަބްދުލް ގައްޔޫމެވެ. މިހަފްލާގައި މޯލްޑިވިއަން އައިޑޮލް ސީސަން 3 ގައި ވިދާލި އައިމިނަތު ސައިނާ އަދި ނައުޝަދު އަބްދުލް ލަތީފްގެ ފަރާތުން ނޫސްވެރިންނަށް ހާއްސަ ހިތްގައިމު ލަވައެއް ހުށަހަޅައިދިނެވެ.
މި ޖަލްސާގައި އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑުތައް ހަވާލުކުރެވިފަިއި ވަނީ:
ފޮޓޯ ޖޯނަލިޒަމްގެ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް؛ މުހައްމަދު ޝަރުވާން، ރާއްޖެ (އެމް ވި)
އިޖްތިމާއީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް؛ އަހުމަދު ޝާފިއު އަލީ (މިހާރު)
ޝަރުއީ އަދި ޤާނޫނީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް؛ މުއިއްޒު އިބްރާހިމް (މިހާރު)
ވިޔަފާރި އަދި އިގްތިޞާދުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް؛ އަބްދުﷲ ޖަމީލް (މިހާރު)
ސިޔާސީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް؛ މޫސާ ރަޝީދު (އަވަސް)
ކުޅިވަރުގެ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބިފައިވަނީ ދެބޭފުޅުންނަށެވެ. އެއީ؛
އައްޒާމު އަހުމަދު (މިހާރު)
ހުސެއިން ހަބީބް
އަދި ހަމައެއާކު ރަން ގަލަން ލިބިގެން ދިޔަ ބޭފުޅުންގެ ލިސްޓުގައި:
ފެއަރީ އަހުމަދު ޒާހިރު
މުހައްމަދު ޖަމީލު
އިސްމާއިލް ނަސީރު
އަހުމަދު ހަމްދޫން
ހުސެއިން ފިޔާޒް މޫސާ
އިސްމާއިލް ރަޝީދު
އަލް އުސްތާޛު އަބްދުﷲ ސައީދު
ހަސަން އާމިރު
ނޫސްވެރިކަމުގެ ޝަރަފުގެ އަލިިމަސް ގަލަން ހަވާލު ކޮށްދެވުނު ބައެއް ބޭފުޅުން:
ޑަކްޓަރު މުހައްމަދު ޒާހިރު ހުސެއިން
ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން އަބްދުލް ގައްޔޫމް
އައްބާސް އިބްރާހިމް
އަހުމަދު ޒާހިރު، ސީނާ
އަލް އުސްތާޛް އިބްރާހިމް ރަޝީދު މޫސާ
އަބްދުﷲ ޞާދިގު
ކޮޕީ މުހައްމަދު ރަޝީދު
އަބްދުﷲ ފާރޫގު ހަސަން