ނިމިދިޔަ ނޮވެމްބަރު މަހު ދައުލަތަށް ޖުމްލަ 985 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް "މީރާ" އިން ހާމަ ކޮށްފިއެވެ.
މީރާ އިން އާއްމުކުރި މައުލޫމާތުތަށް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޖުމްލަ 985 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ދައުލަތަށް ލިބޭނެ އާމްދަނީ ކުރިން ލަފާކުރި ވަރަށްވުރެ 5.3 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް މީރާ އިން މައުލޫމާތު ދެއެވެ.
ޖީއެސްޓީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވާއިރު ޖީއެސްޓީއިން 643 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވެސް މީރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކައެވެ. ބީޕީޓީގެ ގޮތުގައި 57 މިލިއަން ރުފިޔާ، އަދި ގްރީން ޓެކުހުގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި 53 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.