ކޯލިޝަން ދަމަހައްޓާނެ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކޯލިޝަނުގެ މެދުގައި ބަހާނެ ގޮތުގެ އާ ފޯމިއުލާއަކާ މެދު އިތުރަށް ވިސްނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ސޯލިހު އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ ރޭ މުލިއާގޭގައި ބޭއްވެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވާދަ ކުރުމަށް ގޮނޑިތައް ބަހާނެ ގޮތުގެ ފޯމިއުލާއެއް ނެރުމާ ބެހޭ ގޮތުން ކަމަށެވެ.

"ރައީސް ސޯލިހު ވިދާޅިވި އެ މަނިކުފާނު ކޯލިޝަން ދަމަހައްޓާނެ ކަމަށާއި އެހެންވީމާ ގޮނޑިތައް ބަހާނެ ގޮތުގެ އާ ފޯމިއުލާއެއް ނެރުުން މުހިންމު ކަމަށް." އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ކޯލިޝަނުން އެމްޑީޕީއަށް ވާދަކުރެވޭނެ ބައެއް ފޯމިއުލާތަކެއްގެ ހިޔާލު ރައީސް ސޯލިހު ހުށަހެޅުއްވި ކަމަށާއި އެގޮތުން 50 ދާއިރާއަށް ވުރެ މަދު ނުވާ ގޮތަށް އެމްޑީޕީއަށް ދާއިރާތައް ލިބޭނެ ފޯމިއުލާއެއް ހުށަހެޅުއްވި ކަމަށް ވެސް ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރިން ފާސްކޮށްފައިވާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ރޭ ވެސް ތާއީދު ކުރެއްވިއެވެ.

މަޖިލީހުގެ ދާއިރާތައް ބެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް އެމްޑީޕީން 87 ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.